ޚަބަރު

އައްޑޫ ސިޓީން އިތުރު ބަޔަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 25އަށް

އައްޑޫ ސިޓީ މޮނީޓަރިންގް އަށް ލީ ފަހުން ކޯވިޑަށް ޕޮޒިޓިވްވި މީހުން ޖުމްލަ އަދަދު 25 އަށް އަރާފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު، އިތުރުވެފައި މިވަނީ ހިތަދޫ ފްލޫ ކްލިނިކަށް ދެއްކި ފޭދޫ މީހަކު ޕޮޒިޓިވްވެ މުޅި ސިޓީ މޮނީޓަރިންއަށް ލާފައިވާ ދަނޑިވަޅެއްގައެވެ. ފޭދޫއިން ޕޮޒިޓިވްވި މީހާގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި ހިތަދޫ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. ހިތަދޫން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގްއިން މިހާތަނަށް ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން 6 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މީގެއިތުރުން ހިތަދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ފުރަބަންދު ނިންމުމަށްފަހު ހެދި ސާމްޕަލް އިންވަނީ ޕޮޒިޓިވްވެފައެވެ.

ހިތަދޫގެ އިތުރުން، ހުޅުމީދޫންވެސް ފްލޫ ކްލިނިކަށް ދެއްކި މީހަކުވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެކްލަސްޓަރ އާއި ގުޅިގެން 14 މީހަކު އެރަށުން ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިމީހުންގެ އިތުރުން އައްޑޫސިޓީ ޝަންގްރިލާ ރިސޯޓުގައި ހުރި މީހަކުވެސް ޕޮޒިޓިވް ވެފައިވާކަމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫގައި މިހާރު ފެންނަމުންދާ ކޯވިޑް ކޭސްތަކާއިގެން، ގުޅިގެން އައްޑޫ ސިޓީ މޮނީޓަރިންއަށް ލާފައިވަނީ، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. އޭގެ ކުރީން ހުޅުމީދޫން ބަޔަކު ޕޮޒިޓިވްވެ އެރަށް ބުރާސްފަތި ދުވަހުވަނީ މޮނީޓަރިން އަށް ލާފައެވެ.

މިކަމާއި ގުޅިގެން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، މީގެ ކުރިންވެސް އައްޑޫގައި ބަޔަކު ޕޮޒިޓިވްވި ކަމަށާއި، ނަމަވެސް އޭރުވެސް އެކަމުން އަރަައިގަނެވުނީ ރައްޔިތުން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށާއި، މިފަހަރުވެސް އެގޮތަށް އެކަން ކުރެވޭނެ ކަމަށެވެ.

މިކޭސް ތަކާއި ގުޅިން އައްޑޫ ސިޓީ ކައުންސިލުން ޚާއްސަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ. އެގޮތުން އެއްރަށުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދިއުމާއި، އެއްގެއިން އަނެއް ގެއަށް ދިއުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، އާންމު ޚިދުމަތްދޭ ވިޔަފާރިތަކުން އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.