ވިޔަފާރި

ހޯރަފުށިން ގެސްޓް ހައުސް ތަރައްޤީކުރުމަށް 6 ބިމެއް ބީލަމަށް


ހޯރަފުށީގައި ގެސްޓް ހައުސް ތަރައްޤީކުރަން 6 ބިމެއް ބީލަމަށް ހުޅުވާލައިފިއެވެ.

ހޯރަފުށީގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ކުރީކޮޅުވަނީ 7 ބިމެއްގައި ގެސްޓްހައުސް ތަރައްޤީކުރަން ބީލަމަށް ހުޅުވާލާފައެވެ. އެހެންނަމަވެސް އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ އެންމެ ފަރާތަކާއި އެކުއެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އޭރު ހުޅުވާލި ބިންތަކުގެތެރެއިން އަލުން 6 ބިމެއް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. ބިޑް ހުށަހަޅަން ޖެހެނީ މޭއި މަހުގެ 27ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހު ބިޑް ހުޅުވުންވެސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ހޯރަފުށީ ކައުންސިލުން މައުލޫމާތުދެއެވެ. ގެސްޓްހައުސް ތަރައްޤީކުރަން ކުރިން ހުޅުވާލުމުންވެސް ގިނަ އަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް ވަޙީދު ވިދާޅުވިއެވެ.

"ވަރަށް ގިނަ ބަޔަކު ކުރިމަތިލި ކުރީ ފަހަރުވެސް، އެކަމަކު ކުރިމަތިލީ ފަރާތްތަކަށް ކައުންސިލުން ބޭނުންވާ ގޮތަށް އެމަސައްކަތްކުރިއަށް ގެންދެވޭނެ ކަމަށް ނުބެލެވޭތީ އެފަރާތްތަކުން އެކަހެރިވީ،" ވަޙީދު ވިދާޅުވިއެވެ.

ގެސްޓުހައުސް ތަރައްޤީކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެކި ސައިޒުގެ ބިންތަކެވެ. މިގޮތަށް ބިންތައް ދޫކުރުމަށް ހަމަޖެއްސީވެސް ގެސްޓުހައުސް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފަސޭހަކުރުމަށް ކަމަށްވެސް އެރަށު ކައުންސިލުން މީގެކުރިންވަނީ ބުނެފައެވެ.

ހޯރަފުށީގައި މިހާރު ވަނީ ހަތަރު ގެސްޓުހައުސްއެއް ހުޅުވާފައެވެ. އަދި އެރަށުގެ އެއަރޕޯޓު މިދިޔަ އަހަރުތެރޭ ހުޅުވާފައިވާއިރު، ފަތުރުވެރިކަން އެރަށުގައި ތަރައްޤީކުރުމަށް ގިނަ ފުރުސަތުތަކެއް ހުރިކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ.