ޚަބަރު

އަނެއްކާވެސް ސްކޫލްތައް ބަންދުކުރުމުގެ މަޝްވަރާތަކެއް


ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވެފައިވާތީވެ ސްކޫލްތައް އަނެއްކާވެސް ބަންދުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ސްކޫލްތައް ބަންދުކުރުމާ ގުޅޭ މަޝްވަރާތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއެކު ކުރިއަށްދާކަމަށާއި އެކަމާ ގުޅޭ މަޢުލޫމާތުތައް ވަރަށް އަވަހަށް ހިއްސާކުރައްވާނެކަމަށެވެ.

ސްކޫލްތައް ބަންދުކުރުމާ ގުޅޭ މަޝްވަރާތައް ކުރަންފަށާފައިމިވަނީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރަކަށް އައިސް މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުންވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑުތަނުން އިތުރުވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ކޯވިޑް ފުރަތަމަ ފެތުރެން ފެށި ހިސާބުންވެސް ވަނީ ދަށް ގްރޭޑްގެ ދަރިވަރުންނަށް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށާއި ޓެލިކިލާސް މެދުވެރިކޮށް ކިޔަވާދީފައެވެ. އަދި ރާއްޖެ ފުރަބަންދަކަށް ދިޔަ ހިސާބުންވެސް ވަނީ ސްކޫލްތައް ބަންދުކޮށްފައެވެ. އެއަށްފަހު ސްކޫލްތައް މިދޔަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ހުޅުވާ ކިޔަވައިދޭންފެށީ ގްރޭޑް 8ން މަތީގެ ދަރިވަރުންނަށެވެ. އަދި ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ 2020 ވަނަ އހަރުގެ ދެވަނަ ސެމިސްޓރަގެ ކިޔެވުމާއެކު ޖެނުއަރީމަހުގެ 10 ވަނަ ދުވަހުއެވެ.

ސްކޫލްތައް ހުޅުވައިގެން ކިޔަވައިދޭން ފެށިނަމަވެސް ސްކޫލްތަކުގައި ވަނީ ކޯވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އަތްދޮވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން ދަރިވަރުންނަށް ކިޔަވއިދެމުންދަނީ އެޗްޕީއޭގެ މިންގަޑާ އެއްގޮތަށް ގައިދުރުކަމާއެކުގައެވެ. މީގެ އިތުރަށް ދަރިވަރުންނާއި މުދައްރިސުންގެ އިތުރަށް ސްކޫލް މުވައްޒަފުންވެސް ތިބެންޖެހެނީ މާސްކް އަޅައިގެންނެވެ. ސްކޫލްތަކުގައި އަޅާފައިވާ މިފަދަ ފިޔަވަޅުތަކާއެކު ސްކޫލްތެރެއިން ކޯވިޑްގެ ކްލަސްޓަރއެއް ނުއުފެދުނުނަމަވެސް ބައެއް ދަރިވަރުންނާއި މުދައްރިސުންވެސް އަންނަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.