ޚަބަރު

އޭލެވެލް އިމްތިހާނު ކުރިއަށް ނުގެންދަން ނިންމައިފި


އިމްތިހާނު ކަރުދާސްތައް ލީކުވުމާ ގުޅިގެން އެޑެކްސެލް އޭ.ލެވެލް އިމްތިހާނު ރާއްޖޭގައި ކުރިއަށްނުގެންދިއުމަށް ނިންމައިފިއެވެ.

އޭލެވެލް އިމްތިހާނު ކުރިއަށް ނުގެންދިއުމަށް ނިންމީ މިފަހަރުގެ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާގުޅިގެން އިމްތިހާނާމެދު އޮތް އިތުބާރު ގެއްލިފައިވާތީކަ މަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ އެޑެކްސެލްއާ މަޝްވަރާކުރުމަށްފަހު، ރާއްޖޭގައި އިމްތިހާނު ކުރިއަށްނުގެންދިއުމަށް ނިންމާފައިވާކަމަށެވެ. އަދި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ދެ ގޮތެއް އިޚްތިޔާރުކުރުމުގެ ފުރުސަތު އެބައޮތްކަމަށާއި، އެގޮތުން އޮކްޓޯބަރ-ނޮވެމްބަރުގެ އިމްތިހާނަށް މަޑުކުރަން ބޭނުންވާ ކުދިންނަށް އެ ފުރުޞަރު ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަވަހަށް އިމްތިހާން ހަދަން ބޭނުންވާ ކުދިންނަށްވެސް އިތުރު އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ޓީޗަރ ބޭސްޑް އެސެސްމަންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ދަރިވަރުންނަށް ދޭ ޓީޗަރ ބޭސްޑް އިމްތިހާނުގައި ދޭ ސުވާލު ކަރުދާސްތަކަކީ އެޑެކްސަލްގެ މިންގަނޑުތަކަށް ފެތޭ ސުވާލު ކަރުދާސްތަކެއްކަމަށާއި ދަރިވަރުންނަށް ލިބޭނީވެސް އެޑެކްސަލް ގްރޭޑް ސެޓްފިކެޓްތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އޭޕްރީލް-މެއި އިމްތިހާން ނިންމަން ބޭނުންވާ ކުދިންނަށް ދެވޭނީ ޓީޗަރ ބޭސްޑް އެސެސްމަންޓެއް. މިއީ ސްކޫލުން ތައްޔާރުކުރާ އިމްތިހާން ކަރުދާސްތަކެއް. އެހެން ނަމަވެސް ހަމަ އެޑެކްސެލްގެ މިންގަނޑަށް، އެޑެކްސެލް ގްރޭޑް ސެޓްފިކެޓް ލިބޭނީ."މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ފީޗަރ ބޭސްޑް އެސެސްމަންޓް ހަދާ ކުދިންގެ އިމްތިހާން، ޖޫންމަހު ނިންމޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އޮކްޓޯބަރ-ނޮވެމްބަރަށް އިމްތިހާނު ހެދުން ބަދަލުކުރަން ބޭނުންވާ ކުދިންނަށް އެ އިންތިޒާމު، އެކުއްޖަކު ޓެސްޓުހަދާ މަރުކަޒަކުން ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ ޓީޗަރ ބޭސްޑް އެސެސްމެންޓްގައި ދަރިވަރަކު އިމްތިހާން ހަދާ ސްކޫލަކުން ސުވާލު ކަރުދާސްތައް ތައްޔާރުކުރާނެކަމަށެވެ. އަދި އެ ސުވާލު ކަރުދާހުން ދަރިވަރުންނަށް ލިބޭ މާކްސްއާއި މިހާރު ދަރިވަރުން ހަދާފައިވާ މޮކް އެގްޒާމްގެ މާކްސް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އިހްސާން ވިދާޅުވީ ޓީޗަރ ބޭސްޑް އެސެސްމަންޓް ދީގެން އިމްތިހާން މިމަހުގެ ތެރޭގައި ކުރިއަށްގެންދާނެކަމަށާއި ޖޫންމަހުގެ މެދުތެރޭގައި ދަރިވަރުންގެ މާކްސްތައް އެޑެކްސަލްއަށް ފޮނުވަން ޖެހޭކަމަށެވެ.

" މިހާރުވެސް ސްކޫލްތަކުގައި މޮކް އެގްޒާމްއާއި ޓާރމް ޓެސްޓް ޕޭޕަރުވެސް ތައްޔާރު ކުރަނީ ހަމަ މުދައްރިސުން. އެހެންވީމަ އެޑެކްސަލްގެ ގައިޑްލައިންނާ އެއްގޮތަށް މުދައްރސުންނަށް ޕޭޕަރު ތައްޔާރުކުރުމުގެ ޤާބިލްކަން ވަނީ ލިބިފައި."ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިޙްސާން ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވި މައްސަލައެއް ފެންމަތިވެގެން އުޅޭއިރު، އެއީ ރާއްޖެއިން ލީކުވި ޕޭޕަރުތަކެއް ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް އައިރު 3 ޕޭޕަރެއް ވަނީ ލީކުވެފައެވެ.

އޭލެވްލް އިމްތިހާން މާލެއާއި އަތޮޅުތައް ހިމެނޭ ގޮތަށް 2821 ދަރިވަރުންނާއެކު ފެށީ މިދިޔަމަހުގެ 26 ވަނަ ދުވަހުއެވެ. އޭގެތެރޭގައި ހިމެނެނީ މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުން ހިމެނެއެވެ.