ޓުއަރިޒަމް

" ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބައެއް ފަރާތްތަކުން ބޭނުންވޭ "


ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.ރާއްޖޭގެ ފަތުރުވެރިކަން މިހާވަރަށް ކުރިއަރާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހެލިކޮޕްޓަރު ފަދަ ވަސީލަތްތައް ބޭނުންކުރުމަކީ ކުރެވިދާނެކަމެއް ކަމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވިއެވެ. ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރ ވިދާޅުވީ، މިދިޔަ ދެއަހަރުގެ ތެރޭގައި ރާއްޖޭގައި ސިވިލް އޭވިއޭޝަންގެ ދާއިރާ މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާކަމަށާއި ފާއިތުވި ދެއަހަރު ތެރޭގައި ވިހި އެއަރކުރާފްޓް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޤާނޫނު ތަންފީޒްކުރުމުގައި ސަރުކާރުން ގެންގުޅޭ ހަރުދަނާ އުސޫލުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ލިބިފައިވާކަމަށެވެ.އަދި މިހާރު އިސްކަންދެއްވަނީ މިހާރު ފަށާފައިވާ ޕްރޮޖެކްޓްތައް އަވަހަށް ނިންމުމަށް ކަމަށާއި، މިގޮތުން އަންނަ އަހަރު މެދުތެރޭގައި ފަސް ރިސޯޓް އަލަށް ހުޅުވިގެންދާނެކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ. މިހާރުވެސް ބައެއް ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވަމުންދާކަމަށާއި މިގޮންޖެހުމާއި އެކުވެސް ފާއިތުވި ދެއަހަރުގެ ތެރޭގައި ސަރުކާރުން ބޮޑެތި ކާމިޔާބީތައް ހާސިލްކޮށްފައިވާކަން މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.