ޚަބަރު

ބަދަލުދޭން ޖެހުނީ އެއްބަސްވުމާއި ޚިލާފުވުމުން ؛ އިތުރަށް ކުރެވޭނެކަމެއް ނެތް: އޭޖީ އޮފީސް


މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއްކަމަށާއި، އެފަރާތަށް ލިބުނު ގެއްލުމާގުޅޭ ކިތާބީ ހެތްކަށް ބަލާއިރު އެކަމުގައި ދެން އިތުރަށް ކުރެވޭނެކަމެއް ނެތްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެއްބަސްވުން ބާތިލުކޮށް އެމްއީއެސް ހިންގި އިމާރާތް މަންދުކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނެގުމުން އެފަރާތަށް ލިބުނު ގެެއްލުމުގެ ބަދަލުގައި 15 މިލިޔަން ރުފިޔާ މާލޭހައި ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށް ސިވިލްކޯޓުން ދައުލަތުގެ މައްޗަށް ޙުކުމް ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައެވެ. އަދި މި ބަދަލު މަންދުކޮލެޖް ހިންގާ ކުންފުންޏަށްދޭން އެއްބަސްވީ ދައުލަތް ނުަވަތަ އެޑިއުކޭޝަން މިނިސްޓްރީއާ އެކުންފުންނާމެދު އާދެވުނު އެއްބަސްވުމަކަށް އައުމަށްފަހު ކަމުގައިވީނަމަވެސް އޮޑިޓަރ ޖެނަރަލް ލަފާދެއްވާފައިވާ ގޮތާއި ޚިލާފަށް ބަދަލުދޭން ނިންމީކަމަށްބުނެ މިކަމާގުޅޭ ތަފާތު ޚިޔާލުތަކާއި ކަންބޮޑުވުންތައް ވަނީ ފެންމަތިވެފައެވެ.

މިކަމާއި ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުން މާލޭ ހައި ޕްރައިވެޓް ލިމިޓޭޑަށް ނަގައިދީފައިވާ ގެއްލުމުގެ ބަދަލަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުމެއްކަމާއި އަދި އެއީ، އެއްބަސްވުމާ ޚިލާފުވެފައިވާ ޚިލާފުވުމާއި ސީދާ ގުޅުންހުރި ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމާއި ގުޅޭ ކިތާބީ ހެކި ނަފީކުރުމަށް ބަލާއިރު، އެހެކި ދައުލަތަށް ތަޢުނުކުރެވެންވެސް ނެތްކަމަށް ބަޔާނުގައިވެއެވެ. މި މައްސަލަ ޝަރީޢަތުން ކުރިއަށްގެންދާ ޙާލަތެއްގައި، ލިޔެކިޔުންތަކުން ސާބިތުވާން އޮތް ޚަރަދު ދެއްކުމަށް ދައުލަތުގެ މައްޗަށް ޝަރީޢަތުން އަމުރުކުރުމުގެ ފުރުޞަތު ބޮޑުކަމުން ޝަރީޢަތުން މައްސަލަ ނިންމުމަށް އިތުރު މުއްދަތު ހޭދަ ކުރަންޖެހުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ޢަދަދު އިތުރުވެގެން ދިއުމުގެ އިޙްތިމާލް އޮތްކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އޭގެ ސަބަބުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބަޔާންކޮށްފައިވާ 15 މިލިޔަން ރުފިޔާ މަންދުކޮލެޖް ހިންގާ ކުންފުންޏަށް ދައުލަތުން ދައްކައި ޚަލާޞް ކުރާ ގޮތުގެމަތިން މި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަނުގައި ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ދެފަރާތުން އެއްބަސްވުމަކަށް އައީކަމަށްވެސް މިބަޔާނުގައި ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލާއިގަ މީގެކުރިން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ލަފަޔަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން، ލިބޭ ސީދާ ގެއްލުމުގެ ބަދަލު ކޯޓުތަކުން ނަގައި ދިނުމުގައި ކޮށްފައިވާ ޙުކުމްތަކުގައި އެކަށައަޅާފައިވާ އުޞޫލުތަކާއި، އެއްބަސްވުންތައް އެ މައްޗަށް ބިނާވާ "ފްރީޑަމް އޮފް ކޮންޓްރެޓް" އަދި "އެއްބަސްވުންތަކަކީ ތަންފީޒުވާންޖެހޭނެ އެއްޗެއް" ފަދަ ޤާނޫނީ މަފްހޫމުތަކާ ތަޢާރުޟުވާ ގޮތަށް ދީފައިވާ ލަފައެއްކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

މާލޭ ހައި ޕވޓ. ލޓޑ. އިން ތަނެއް ކުއްޔަށް ހިފަން ޖެހުމަކީ، އެކުންފުންޏާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ ސަބަބުން އުފަންވި ގެއްލުމެއްކަމަށާއި އަދި އެ ގެއްލުމަކީ، ވެދާނެ ގެއްލުމެއްކަން އެއްބަސްވުމުގެ ބައިވެރިންނަށް އެނގިފައިވާނެ ގެއްލުމެއްކަަން އެނގޭކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވިއެވެ.