ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ އާއި ބާސެލޯނާ


ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޗެލްސީ ވިމެން އާއި ބާސެލޯނާ ފެމެނީނޯ ޖާގަހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލުން ޗެލްސީ ވުމެން ޖާގަހޯދީ އެފްސީ ބަޔާން މިޔުނިކް ލޭޑީސް އާއި ބައްދަލުކުރި ސެމީ ފައިނަލް 5 ލަނޑު 3 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގްގެ މެޗް 2 ލަނޑު އެއްލަނޑުން ބަޔޭން ކާމިޔާބުކޮށްފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގް ޗެލްސީ ކާމިޔާބުކުރީ 4 ލަނޑު އެއްލަނޑުންނެވެ. ދެވަނަ ލެގްގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފްރޭންކް ކަރބީއެވެ. މިމެޗްގައި ބަޔާންއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާރާ ޒަދްރާނީއެވެ. މިމެޗްގައި ދެވަނަ ފަހަރަށް ޗެލްސީއަށް ލީޑު ނަގައިދިނީ ޖީސޯ ޔުން ޖަހައިދިން ލަނޑުންނެވެ. އަދި ޗެލްސީގެ ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ ޕެނައިލް ހަރޑަރ އާއި ކަރބީއެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޗެލްސީ ވިމެން ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން ޗެލްސީ ވިމެންއަށް އެންމެ މައްޗަށް ދެވިފައިވަނީ ސެމީފައިނަލާއި ހަމައަށެވެ. އެހެން ކަމުން މިއީ އެޓީމަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މިމުބާރާތުގެ ފައިނަލްގައި ޗެލްސީ ވިމެން ބައްދަލުކުރާނީ ބާސެލޯނާ ފެމިނީނޯ އާއެވެ. މިމުބާރާތުގެ ފައިނަލުން ބާސެލޯނާ ޖާގަހޯދީ ސެމީފައިނަލްގައި ޕެރިސް ސެއިންޓް ޖަރމެއިން ފެމިނީންސް އާއި ބައްދަލުކޮށް 3 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގްގައި ބާރސާއިން ކުރިހޯދީ 2 ލަނޑު އެއްލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ބާރސާއަށް އެޓީމްގެ ދެލަނޑު ކާމިޔާބުކޮށްދިނީ ލެއިކް މާޓެންސްއެވެ. މިމެޗްގައި ޕީއެސްޖީއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަރީ އެންޓޮއިންނޭ ކަޓޯޓޯއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބާރސާއަށް ލިބިގެންދިޔައެވެ.
ޗެލްސީ ވިމެން އާއި ބާސެލޯނާ ފެމެނީނޯ ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ސްވިޑްންގެ ގޮތެންބަރގްގައެވެ.