ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ފައިދާ %16.40 އިތުރު


މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު ފައިދާ %16.40 އިތުރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއާ އަޅާބަލާއިރު %16.40 އިތުރު އަދަދެކެވެ.

އެމްޓީސީސީއިން މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި 423.12 މިލިއަން ރުފިޔާގެ ވިޔަފާރި ވަނީ ކޮށްފައެވެ. 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއިން ކޮށްފައިވަނީ 353.53 މިލިއަން ރުފިޔާގެ ވިޔަފާރިއެވެ. މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 82.31 މިލިއަން ރުފިޔާއެވެ. މިއަދަދު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އުޅުނީ 72.44 މިލިއަން ރުފިޔާގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ވަނީ 61.67 މިލިއަން ރުފިޔާ ލިބިފައެވެ. މި ނަތީޖާއާއެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.67 ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ފުރަތަމަ ކުއަރޓަރުގައި އެ ކުންފުންޏަށް ލިބުނީ 52.98 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު އެމްޓީސީސީއިން ވަނީ ހިންގާފައެވެ. އެގޮތުން 77 މަޝްރޫއެއްގައި މަސައްކަތްކުރެވި 5 މަޝްރޫއެއްގެ މަސައްކަތް ތަނީ ކަމިޔާބުކަމާއިއެކު ނިންމާލެވިފައެވެ. އަދި 15 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައިވަނީ އެމްޓީސީސީން ހިންގާފައެވެ. އަދި އިންޓެގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއިއެކު ވަނީ ސޮއިކުރެވި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ.