ކުޅިވަރު

ޕޯޗުގަލް ގްރޯން ޕްރީ ލުއިސް ހެމިލްޓަން ކާމިޔާބުކޮށްފި


ޕޯޗުގީސް ގްރޯން ޕްރީ މަރސިޑީޒްގެ ލުއިސް ހެމިލްޓަން ކާމިޔާބުކޮށްފިއެވެ. ފޯމިއުލަރ ވަންގެ މިރޭސް ހެމިލްޓަން ކާމިޔާބުކުރީ ވާދަވެރި ދެ ޑްރައިވަރުން ކަމަށްވާ މެކްސް ވަރސްޓަޕެން އާއި ވެލްޓެރީ ބޮޓާސް ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ފޯރިގަދަ ރޭހެއް ފެނިގެންދިޔަ ޕޯޗުގީސް ގްރޯން ޕްރީގައި ހަތްފަހަރު ފޯމިއލަރ ވަންގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހެމިލްޓަންވަނީ ދެވަނައިގައި އޮވެގެން ރޭސް ފެށިނަމަވެސް ތިންވަނައަށްވެސް ވަކި ހިސާބަކުން ވެއްޓިފައެވެ. ނަމަވެސް ހެމިލްޓަންވަނީ ރެޑްބުލްގެ ވަރސްޓަޕެން އާއި އަމިއްލަ ޓީމްގެ ބޮޓާސް ފަހަތަށް ޖައްސާލުމަށްފަހު އެއްވަނައަށް އަރާފައެވެ. އަދި އެއްވަނައަށް އެރުމަށްފަހު ރޭސް ނިމެންދެން ހެމިލްޓަންވަނީ ރޭސް ލީޑުކޮށްފައެވެ. މިއީ ހެމިލްޓަން ކާމިޔާބުކުރި 97 ވަނަ ގްރޯން ޕްރީއެވެ. މިރޭހުގައި އެންމެ އަވަހަށް ލެޕް ފުރިހަމަ ކޮށްގެން ލިބޭ ޕޮއިންޓް ލިބިގެންދިޔައީ ބޮޓާސްއަށެވެ. ކޮލިފައިންއެކޭ އެއްގޮތަށް އެންމެ އަވަސް ލެޕް ޖަހާފައިވަނީ ވަރސްޓަޕެންއެވެ. ނަމަވެސް އޭނާގެ ލެޕްގައި ޓްރެކުން ބޭރަށް ދިއުމާއެކު އެލެޕްގެ ވަގުތު ބަލައިގެންފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ހެމިލްޓަންއަށް ޕޮއިންޓް ތާވަލްގައި މިހާރުވަނީ 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ 69 ޕޮއިންޓާއެކުގައެވެ. ދެވަނައިގައިއުޅޭ ވަރސްޓަޕެންއަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނައިގައި އުޅޭ މެކްލެރެންގެ ލަންޑޯ ނޮރިސްއަށް ލިބިފައިވަނީ 37 ޕޮއިންޓެވެ.
ކޮންސްޓްރަކްޓަރސް ތާވަލްގެ އެންމެ ކުރީގައި 101 ޕޮއިންޓާއެކު އުޅެނީ މަރސިޑީޒްއެވެ. އަދި 83 ޕޮއިންޓާއެކު ދެވަނައިގައި ރެޑްބުލް އުޅޭ އިރު ތިންވަނައިގައި 53 ޕޮއިންޓާއެކު އުޅެނީ މެކްލެރެންއެވެ.