ޚަބަރު

އައު ސިޓީ ކައުންސިލް، ކުޅުދުއްފުށީ ރައްޔިތުންގެ އުންމީދު


ޤާނޫނުގައިވާ ގޮތުގެމަތިން އާބާދީގައި 10،000 މީހުން ހަމަވެ ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖައަށް ގޮސްފައިވަނީ 2018ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ.

2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަސްމީކޮށް ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް އެކަން އިއުލާންކުރެއްވީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުއެވެ.

އެހެންކަމުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުޅުދުއްފުއްޓަށް އިންތިޚާބުކޮށްފައިވަނީ ސިޓީ
ކައުންސިލެކެވެ. ކުޅުދުއްފުށީގެ 6 ދާއިރާއަކަށާއި މޭޔަރުގެ މަޤާމަށް ބޭފުޅުން އިންތިޚާބުކޮށްފައި ވެއެވެ. މިއިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ކުޅުދުއްފުށީ ސިޓީކައުންސިލަށް ކުރިމަތިލެއްވި ކެނޑީޑޭޓުން މިފަހަރު ނިކުންނެވީ ވަރަށްގިނަ ވަޢުދުތަކަކާއެކުގައެވެ. ވަރަށްގިނަ އުންމީދުތައް އައުކުރައްވަމުންނެވެ.

އެގޮތުން ކުޅުދުއްފުއްޓަށް މިވަގުތު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށް އެބޭފުޅުން ވަޢުދުވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން ވަޒީފާގެ ފުރުޞަތުތަކާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން ކުރައްވައި ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެނެކަމުގެ އެތައް ވަޢުދެއް އެބޭފުޅުން ވެވަޑައިގަތެވެ.

ޒުވާނުންގެ އެތައް އުންމީދެއް ފުރިހަމަކޮށްދެއްވުމާއި، ކުޅިވަރުކުޅެވޭނެ ވަސީލަތްތަކާއި އިތުރު ފުރުޞަތުތަށް ހޯއްދަވައިދެއްވާނެކަމަށާއި އެކިއެކި ތަމްރީނާއި ހުނަރު ދަސްކޮށްދެއްވާނެކަމުގެ ވައުދުތައްވެސް ވެވަޑައިގަތެވެ.

2018ވަނަ އަހަރު ކުޅުދުއްފުށީގެ އާބާދީގައި 10،000 ހަމަވި ނަމަވެސް އަދި 2020ވަނަ އަހަރުންފެށިގެން ރަސްމީކޮށް ކުޅުދުއްފުއްޓަކީ ސިޓީއަކަށް ވީނަމަވެސް މިހާތަނަށްވެސް ރައްޔިތުންނަށް ސިޓީއަކުން ލިބެންޖެހޭ ޚިދުމަތްތަކާއި ފަސޭހަތަށް ލިބިފައިނުވެއެވެ.

އެހެންނަމަވެސް އަލަށް އިންތިޚާބުވި ސިޓީކައުންސިލާމެދު ރައްޔިތުން ފޮނި އުންމީދުތަކެއް ކުރެއެވެ. އާ ކައުންސިލަކީ ޒުވާން ޤާބިލް ކައުންސިލެއްކަމަށާއި ރައްޔިތުންނަށް ކުރިން ނުލިބިހުރި ތަރައްޤީއާއި ސިޓީއަކުން ލިބެންޖެހޭ ޚިދުމަތުގެ ފޮނިމީރުކަން ލިބޭނެކަމުގެ ފޮނި އުންމީދު ކުޅުދުއްފުށީ ރައްޔިތުން ދަނީ ކުރަމުންނެވެ.

މިދިޔަ އޭޕްރީލްމަހުގެ 10ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެއްވި ކެނޑިޑޭޓުން ހުވައި ކުރައްވާނީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެދުވަހުގެ ފަހުން ކުޅުދުއްފުށި ކައުންސިލް ބަދަލްވެގެންދާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލެށެވެ. ރައްޔިތުން އެތަށް ދުވަހެއް ވަންދެން އިންތިޒާރުކުރަމުން އައި ދުވަހެއް ފެންނަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ރައްޔިތުންގެ އުންމީދަކީ ސިޓީއަކުން ލިބެންޖެހޭ ހުރިހާ ޚިދުމަތެއްވެސް ކުޅުދުއްފުށީ ސިޓީން ރައްޔިތުންނަށް ލިބިގެން ދިއުމެވެ.