މުނިފޫހިފިލުވުން

"ޓީކޫ ވެޑްސް ޝޭރޫ" އާއެކު ކަންގަންނާ ޕްރޮޑިއުސަރަކަށް


ޤައުމީ އެވޯޑް ލިބިފައިވާ ފިލްމު "މަނިކަރްނިކާ" ގެ ތަރި އަދި ކޯ ޑިރެކްޓަރ ކަންގަނާ ރަނައުޓް ފުރަތަމަ ޕްރޮޑިއުސްކުރާ ޑިޖިޓަލް ފިލްމަކީ "ޓީކޫ ވެޑްސް ޝޭރޫ" ކަމަށް އޭނާ ބުނެފިއެވެ. މި ފިލްމާއެކު މަނިކަރުނިކާ ފިލްމުސް އިން ޑިޖިޓަލް ފިލްމުގެ ތެރެއަށް ވަނީ ކަމުގައިވެސް ކަންގަނާ ވަނީ ބުނެފައެވެ. މި ފިލްމަކީ ލޯބީގެ ފިލްމެއްކަމާއި އަދިވެސް އިތުރު ހުނަރުތަކާއެކު ފިލްމުތައް ކުރިއަށް އެބަހުރިކަމަށް ކަންގަނާ ބުނެއެވެ.

އަނޫރާގް ބާސޫ ޑައިރެކްޓް ކޮށްފައިވާ ފިލްމު "ގޭންގްސްޓާރ" އިން ފިލްމީ ކެރިޔަރ ފެށި ކަންގަނާގެ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ދެއްކި ފިލްމު "ޕަންގާ" އިންނެވެ. އަޝްވަނީ އިއްޔެރު ތިވާރީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ކަންގަނާ ކުޅެފައިވާ ރޯލަށް ވަނީ 67 ވަނަ ޤައުމީ ފިލްމު އެވޯޑްގެ އެންމެ މޮޅު ބަޠަލާގެ އެވޯޑް ލިބިފައެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭއެލް ވިޖޭ ޑައިރެކްޓް ކޮށްފައިވާ ބައޯގްރޮފިކަލް ފިލްމު "ތަލައިވާ" އިންނެވެ. ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން 6 ފަހަރު ކުރައްވާފައިވާ ސިޔާސީ ބޭފުޅެއްކަމަށްވާ ޖޭ ޖަޔާލަލީތާގެ ޙަޔާތުގެ މައްޗަށް ކުޅެފައިވާ މި ފިލްމުގައި ކަންގަނާ ކުޅެފައިވަނީ ޖޭ ޖަޔާލަލީތާގެ ރޯލެވެ. 23 އޭޕްރީލްގައި ދެއްކުމަށް ޝެޑިއުލްކުރި މި ފިލްމު ދެއްކުން ކޯވިޑްގެ ބަލިމަޑުކަމާ ހެދި މިހާރުވަނީ ލަސްކޮށްފައެވެ.

ޕްރޮޑިއުސަރ ރަޒްނީޝްގާއީގެ ފިލްމު "ތާކަދް" އާއި އެއަރ ފޯސް ޕައިލެޓެއްގެ ރޯލުން ކަންގަނާ ފެނިގެންދާ ފިލްމު "ތޭޖަސް" އަދި ކަޝްމީރުގެ ރާނީއެއްމަކަށްވާ ދިއްދާގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު "މަނިކަރްނިކާ ރިޓާރންސް: ދަ ލެޖެންޑް އޮފް ދިއްދާ" އަކީ ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކެވެ. މީގެ އިތުރުން އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާގާނދީގެ ހަޔާތުގެ މައްޗަށް ހަދާ ޕޮލިޓިކަލް ޑްރާމާ ފިލްމުންވެސް ކަންގަނާ ފެނިގެންދާނެއެވެ.