ކުޅިވަރު

އީގަލްސް ބަލިކޮށް މާޒިޔާއިން ތާވަލްގެ އެއްވަނައިގައި 9 ޕޮއިންޓުގެ ލީޑެއް


ކުލަބް އީގަލްސް ބަލިކޮށް މާޒިޔާއިން ލީގް ތާވަލްގެ އެއްވަނަގައި 9 ޕޮއިންޓުގެ ލީޑެއް ނަގައިފައިފިއެވެ. މިމެޗް މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 0 ލަނޑުންނެވެ.

ކުލަބް އީގަލްސް މިމެޗްއަށް ނިކުތްއިރު އެޓީމުގެ ކެޕްޓަން ހުސެއިން ޝިފާއު އާއި މިސްރުގެ ފޯވާޑް މުހައްމަދު އުސާމާ ސަސްޕެންޝަންގެ ސަބަބުން މެޗްގައި ކުޅެފައެއް ނުވެއެވެ. މެޗް ފެށިގެން ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ މާޒިޔާއިންނެވެ. އަދި މެޗްގައި ގިނަ ހަމަލާތަށްވެސް އުފައްދާފައިވަނީ މާޒިޔާއިންކަން ފާހަގަކޮށްލެވެއެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި މާޒިޔާގެ ހަމްޒާ މުހައްމަދު އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޖަހާނެ ކުޅުންތެރިއަކު ނުވިއިރު، އެޓީމްގެ ވިންސެޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލީ ބޯޅަ ދިޔައީ ގޯލާ ސީދާ ނުވެ ބޭރަށް. އަދި އީގަލްސްގެ ކީޕަރު މުހައްމަދު ތަހާވަނީ މާޒިޔާގެ ބައެއް ހަމަލާތަށް ދިފާއުކޮށްފައެވެ. މެޗްގެ 23ވަނަ މިނެޓްގައި މާޒިޔާއަށް ލީޑް ނެގުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމްގެ ބިދޭސީ ފޯވާޑް ކޯނޭއަށެވެ. ނަމަވެސް ކޯނޭ ފޮނުވާލީ ބޯޅަ ގޯލްގެ ރޮގުމަތިން ކަހަލަގޮތަކަށް ދިފާޢުކޮށްފައިވަނީ އީގަލްސްގެ ޒައިން ޒަފަރުއެވެ. މެޗްގެ 24ވަނަ މިނެޓްގައި މާޒިޔާއިންވަނީ ގޯލެއް ޖަހާ ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާއެވެ. ނަމަވެސް މާޒިޔާގެ ފުރަތަމަ ލަނޑަށްފަހު ކުލަބް އީގަލްސްއިން ކުޅުން ރަގަނޅުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ.

އެގޮތުން އީގަލްސްގެ މިސްރުގެ ޑިފެންޑަރު އެލް ސައީދު ބޮލުން ފޮނުވާލި ބޯޅަ ގޯލާއި ސިދާނުވެ ދިޔައީ ގޯލްގެ ދަނޑިކައިރިން ލައިފައި ބޭރަށެވެ. މާޒިޔާގެ ދެވަނަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސެއިންނެވެ. މެޗްގެ ދެވަނަ ހާފްގައި ކުލަބް އީގަލްސްއިން ގޯލް ޖެހުމަށް މަސައްކަތް ކުރަމުންދިޔައެވެ. މެޗްގައި މާޒިޔާއިން ޖެހި 3ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 53ވަނަ މިނެޓްގައި ހަމްޒާ މުހައްމަދުއެވެ. މާޒިޔާއިން ތިން ލަނޑު ޖެހި ނަމަވެސް ކުލަބް އީގަލްސްއިން ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް މެޗްގެ 4 ވަނަ ލަނޑުވެސއް ޖަހާފައިވަނީ މާޒިޔާއިންނެވެ. ކުލަބް އީގަލްސްގެ އަހުމަދު ނޫމާން މާޒިޔާގެ އިބްރާހިމް މަހުދީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޮނޭލިއަސް ސްޓެވާޓެވެ.

މިމެޗުން މޮޅުވުމާއި ގުޅިގެން މާޒިޔާއަށް 9 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު، މިވަގުތު އެޓީމް އޮތީ ލީގް ތާވަލްގެ އެއްނަވަގައި ކުޅުނު 14 މެޗުން ލިބިފައިވާ 34 ޕޮއިންޓެވެ. ދެވަނައިގައިވާ ކުލަބް ވެލެންސިޔާއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތާވަލްގެ ތިންވަނާގައިވާ ކުލަބް ގްރީން ސްޓްރީޓްސްއަށް 14 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. އަދި 14 މެޗުން 17 ޕޮއިންޓް ލިބިގެން ކުލަބް އީގަލްސް އޮތީ ތާވަލްގެ 4 ވަނައިގައެވެ. ލީގްގެ މެޗެއް ދެން ކުޅޭނީ ބޮޑު ބްރޭކަކަށް ފަހުއެވެ. ލީގްގެ ތިންވަނަ ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 21 ޖޫންގައެވެ.