ޚަބަރު

އިންކަމް ޓެކްސް ނަގަންޖެހޭ- ބަޖެޓް ކޮމިޓީ މެމްބަރުން


 ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އިންކަމް ޓެކްސް ތަޢާރަފްކުރުމަކީ މުހިންމު ކަމެއްކަމަށާ ޓެކްސްގެ ނިޒާމް ފުރިހަމަވެގެންދާނީ އިންކަމްޓެކްސް ނަގަންފެށުމުންކަމަށް  ބަޖެޓް ކޮމެޓީގައި ހިމެނިވަޑަގަންނަވާ ގިނަ މެންބަރުން ވިދާޅުވެއްޖެއެވެ. 

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމާބެހޭ ގޮތުން ބަޖެޓް ކޮމިޓީގައި ކުރިޔަށްދިޔަ މަޝްވަރާތަކުގައި ބައިވެރިވި ގިނަ މެމްބަރުން ވަނީ އިންކަމް ޓެކްސް ނެގުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.  އަދި މިހާރުން މިހާރަށް ވެސް އިންކަމް ޓެކްސް ނަގަން ފެށުމަށް ސަރުކާރަށް ބައެއް މެންބަރުންވަނީ ގޮވާލައްވަފައެވެ. 

އިންކަމްޓެކްސް ޓެކްސް ނުނަގަނީ ކީއްވެތޯ ސުވާލުއުފައްދަވަމުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ޓެކްސްގެ ނިޒާމް ފުރިހަމަ ވެގެންދާނީ އިންކަމް ޓެކަސްނަގަންފެށުމުން ކަމަށެވެ. އަދި އާމްދަނީ އިތުރުކުރުމަށް ޓެކްސް ގެފުރިހަމަ ނިޒާމަކަށް ބަރޯސާވާންޖެހޭކަމަށް އަމީތު ވިދާޅުވިއެވެ. 

ސަރުކާރުން ހުށައަޅުއްވާފައިވާ ކަންކަމަށް ކޮމެޓީގައި ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ އިންކަމް ޓެކްސް ތަޢާރަފް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.  މިގޮތުން ރާއްޖޭގައި މިހާރު އޮތީ ފަޤީރުންގެ އަތުން ޓެކްސް ނެގުމުގެ ނިޒާމެއް ކަމަށާ އޭގެ ބަދަލުގައި މުއްސަނދިންގެ އަތުން ޓެކްސް ނެގޭނެ ގޮތް މިހާރުން މިހާރަށްވެސް ތަޢާރަފް ކުރަންޖެހޭކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ. 

ޖުމްލަ ގޮތެއްގައި ކޮމިޓީގައި ހިމެނި ވަޑައިގެންނެވި ހުރިހާ މެމްބަރުންވެސްވަނީ އިންކަމް ޓެކްސް ނެގުމަށް ތާއީތުކޮށް ވާހަކަފުޅު ދައްކަވާފައެވެ. 

ބަޖެޓާ ގުޅޭގޮތުން މިއަދު ކުރިޔަށްދިޔަ ކޮމެޓީގައި ވާހަކަފުޅު ދެއްކެވި މެމްބަރުން ފާހަގަކުރެއްވި އަނެއް މުހިންމު ނުކުތާއަކީ މިހިނގާ 2015 ވަނަ އަހަރަށްވުރެ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި ރިކަރަންޓް ޚަރަދު ކުޑަކަމެވެ. ރިކަރަންޓް ޚަރަދު ކުޑަކުރަން ނިންމާފައިވާ ނިންމުމަކީ މުހިންމު ނިންމުމެއްކަން މެންބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.   

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ރިކަރަންޓް ޚަރަދު އޮތީ 60 ޕަސެންޓަށް ވުރެ ވެސް ކުޑަކޮށް ކަމަށާ އެކަމަކު ސަރުކާރުން ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަށް ބަޖެޓްގައި އެ ކަންތަކަށް ފައިސާ ހިމަނާފައިވާ ކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. 

އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފަ ވަނީ 27.45 ބިލިޔަން ރުފިޔާ.  ބަޖެޓްގެ ޖުމްލަ ޚަރަދުގެ 59 ޕަސެންޓަކީ ރިކަރަންޓް ޚަރަދު ކަމަށްވާއިރު އެއީ  16.2 ބިލިއަން ރުފިޔާއެވެ.

 މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބަޖެޓް ކޮމިޓީއަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހަދާއި އެމްއެމްއޭގެ ގަވަރުނަރު ޑރ. ޢަޒީމާ އާދަމާއި އޮޑިޓް އޮފީހުގެ ބޭފުޅުން ހާޒިރުކުރުމަށްވަނީ ތާވަލްކޮށްފައެވެ. 

ފިނޭންސް މިނިސްޓަރ ހާޒިރުކުރަނީ ދައުލަތަށް އާމްދަނީ ހޯދުމަށް އިތުރަށް ހުށައަޅާފައިވާ ކަންކަމާބެހޭ މަޢްލޫމާތު ސާފުކުރުމަށެވެ. 

މި ކޮމިޓީ ހިނގަމުންދާ ގޮތް ޕީއެސްއެމްގެ މަޖިލިސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ.