ޚަބަރު

"އިހުމާލުގެ ސަބަބުން ޒިންމާވާންޖެހޭ މީހުންގެ މައްޗަށް ދައުވާކުރަން ފަސްނުޖެހޭނަން"

މިސަރުކާރުން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއް އުފުލާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަހްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، ސަރުކާރުން ކޮންމެ މައްސަލައެއްގައިވެސް ދައުވާކުރާނީ ހެއްކާއި ޤަރީނާ ހޯދައިގެންކަމަށެވެ. މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއް ކޮށްފައި ނުވާނެކަން ފާހަގަކުރައްވާ އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، ދައުލަތަށް ފައިސާ ހޯދަންޖެހޭ މައްސަލަތަކުގައިވެސް ދަޢުވާކޮށްފައިވާނީ ހެއްކާއި ޤަރީނާ ހޯދައިގެންކަމަށެވެ. އަދި އިންސާފްް ޤާއިމްކުރުމަށް ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި، ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާވެސް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކި ދުވަސްވަރު ދައުލަތުގެ އެކި ކަންކަމާއި ހަވާލުވެ ތިއްބެވި މީހުންގެ އިހުމާލުގެ ސަބަބުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި އެމީހުންގެ މައްޗަށް ދައުވާކުރާނެކަމަށްވެސް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.

"މިސަރުކާރުން ހިތްހަމަ ނުޖެހޭހާ މީހެއްގެ މައްޗަށް ދައުވާ ކޮށްފައެއް ނޯންނާނެ. ސަރުކާރުން ދައުވާކުރަނީ ހެއްކާއި ޤަރީނާ ހޯދައިގެން. ސިޔާސީ ދައުވާކުރުމޭ އަޅުގަނޑުމެން އެންމެން މިކިޔާ އެބާވަތުގެ ދައުވާއެއް މިސަރުކާރުން މިހާތަނަށް ކޮށްފައެއްވެސް ނޯންނާނެ. އެބާވަތުގެ ދައުވާނުކޮށް ހެއްކާއި ގަރީނާ ހޯދައިގެން ފައިސާ ހޯދަންވެސް އަދި ޖިނާޢީ ދައުވާ އުފުލުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދަނީ. އެހެންނަމަވެސް އެންމެ އެކަށީގެންވާ މިންވަރަށް ގިނަ ބައެއްގެ މައްޗަށް ދައުވާ ކުރެވިފައެއް ނެތް. ވިސްނުމަކީ ދައުވާކުރުމެއް ނޫން. ދެގޮތަށްވެސް އިންސާފް ޤާއިމްކުރުން. އެހެންވީމަ އެކަމަށްޓަކައި ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ދައުވާކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާވެސް ކުރާނަންވެސްމެ."އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.

އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވީ، ދައުލަތުން އެކި ފަރާތްތަކަށް ގަސްތުގައިއާއި އިހުމާލުން ގެއްލުން ދީފައިވާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި، އެފަދަ ގެއްލުންތަކަށް ބަދަލުދިނުމަކީ އިންސާފުވެރި ސަރުކާރެއްނަމަ ކުރަންޖެހޭނޭ ކަމެއްކަމަށެވެ. އަދި އެއްވެސް މައްސަލައެއްގެ ސަބަބުން ދައުލަތުން މީހަކަށް ބަދަލު ދޭންޖެހިއްޖެނަމަ އެ ފައިސާ އަނބުރާ ހޯދުމަށް ދައުވާކުރުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޛް އަޙްމަދު ޢަބްދުﷲ އަފީފް ވިދާޅުވިއެވެ.