ދުނިޔެ

ޕެރިހަށް ހަމަލާދިނީ އައި.އެސްއިން ކަމަށް ބުނެފި


ފަރަންސޭސި ވިލާތުގެ ޕެރިހުގައި ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާތަކުގެ
ޒިންމާ އުފުލާކަމަށް ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ
އައި.އެސް.އިން ބުނެފިއެވެ.



އެ ޖަމާއަތުން ބުނީ، މި ހަމަލާތަކަކީ ސޫރިޔާގައި އެ ޖަމާއަތާއި ދެކޮޅަށް
ދެމުންދާ ހަމަލާތަކުގެ ރައްދުގައި ހިންގާފައިވާ އަމަލެއްކަމަށެވެ. ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި ދިން ނުރައްކާތެރި ޓެރެރިސްޓް
ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ ސަތޭކަ ހަތާވީހަށް އަރާފައެވެ. މި ހާދިސާގައި ދުއިސައްތަ މީހަކު ޒަޚަމްވެފައިވާއިރު، މީގެ ތެރެއިން ނުވަދިހަ
މީހުންގެ ޙާލު ސީރިއަސްކަމަށް ޕެރިސްގެ އޮފިޝަލުން ބުނެއެވެ. މި ހަމަލާތައް ދިނުމުގައި ބައިވެރިވި އަށް މީހަކު މަރުވެފައިވާއިރު، މީގެ
ތެރެއިން ހަތް މީހަކު މަރުވެފައިވަނީ ބޮންތަކެއް ގޮއްވާލުމަށްފަހުއެވެ. އަށްވަނަ މީހާ މަރާލާފައިވަނީ ފުލުހުންނެވެ. 



މި ހަމަލާތަކުގައި ބައިވެރިވިކަމަށް ޝައްކު ކުރެވޭ އިތުރު ބަޔަކު ހޯދުމަށް
ފަރަންސޭސި ވިލާތުގެ ފުލުހުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. މި ނުރައްކާތެރި ޓެރެރިސްޓް ހަމަލާތައް ހިންގާފައިވަނީ ޕެރިސްގެ ހަ
ސަރަހައްދެއްގައެވެ. މީގެ ތެރޭގައި ސްތާދޭ ފްޣޮންސް ސްޓޭޑިއަމް އަދި ބަތަކްލޯން މިޔުޒިކް ހޯލް
ހިމެނެއެވެ.



ސްތާދޭ ފްޣޮންސް ސްޓޭޑިއަމްގެ ދެ ސަރަހައްދެއްގައި ބާރުގަދަ ދެ ބޮމެއް
ގޮއްވާލާފައިވަނީ ފަރަންސޭސި ވިލާތާއި ޖަރުމަނު ވިލާތް ބައްދަލުކުރި
އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުރިޔަށްދިޔަ ވަގުތުއެވެ. އެ ވަގުތު މެޗް ބައްލަވާލެއްވުމަށް ވަޑައިގެން ފަރަންސޭސި ވިލާތުގެ ރައީސް ފްޣޮންސުވާ
އޮލޯންދާއި ޖަރުމަނު ވިލާތުގެ ޚާރިޖީ ވަޒީރު އިންނެވިއެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވަނީ ބަތަކްލޯން
މިޔުޒިކް ހޯލްގައި ދިން ހަމަލާގައެވެ. 



މީގެ އިތުރުންވެސް ބައެއް ރެސްޓޯރެންޓް އަދި ކެފޭތަކަށްވެސް ހަމަލާދީފައިވެއެވެ. މި ހަމަލާތަކާއި ގުޅިގެން އެ ޤައުމުގައި މިހާރުވަނީ ކުއްލި ނުރައްކަލުގެ
ޙާލަތު އިޢުލާނުކޮށްފައެވެ. އަދި އެ ޤައުމުގެ ވައިގެ ބަނދަރުތަކާއި މުހިއްމު ރަށްތަކުގައި ސަލާމަތީ
ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ. 



އަދި ބޮޑެތި ރަށްތަކުގައި ސްކޫލްތަކާއި، ޔުނިވަރސިޓީތައް، އަދި މީހުން
ގިނައިން ޖަމާވާ ތަންތައްވަނީ ބަންދުކޮށްފައެވެ. މި ހަމަލާތައް ބޭރުގެ އެކި ޤައުމުތަކުން އެންމެ ހަރުކަށިކޮށް
ކުށްވެރިކުރަމުންދާއިރު، އެމެރިކާގެ ރައީސް ބަރާކް އޮބާމާ މި ހަމަލާ
ސިފަކުރައްވާފައިވަނީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް ހިންގާފައިވާ ޓެރެރިސްޓް
އަމަލެއްގެ ގޮތުގައެވެ. 



އަދި މި ހަމަލާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި އެހެން ބައެއް
ލީޑަރުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން އަދި ޖަރުމަނު
ވިލާތުގެ ޗާންސެލަރ އެންގެލާ މަރކެލް ހިމެނި ވަޑައިގަންނަވައެވެ. މި ހަމަލާއާއި ގުޅިގެން އީރާނުގެ ރައީސް ޙަސަން ރޫޙާނީ ފަރަންސޭސި ވިލާތަށް
ކުރައްވަން ތައްޔާރުވަމުން ގެންދެވި ދަތުރުފުޅުވެސް މިހާރުވަނީ ކެންސަލްކޮށްފައެވެ. 



މި ހަމަލާތަކުގެ ޒިންމާ އުފުލާކަމަށް ބުނެފައިވާ އައި.އެސް. ޖަމާއަތުންވަނީ
ފަރަންސޭސި ވިލާތުގެ އަމާޒުތަކަށް އިތުރު ހަމަލާތައް ދިނުމަށް
ރާވަމުންދާކަމަށްވެސް ބުނެފައެވެ. 



ހައްދުފަހަނަ
އަޅާފައިވާ ޖަމާއަތެއްކަމަށްވާ އައި.އެސް. ޖަމާއަތުން މިހާރުދަނީ އިރާޤާއި
ސޫރިޔާގެ ބައެއް ބިންތަކަށް އަތްގަދަކޮށް، އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.