ޚަބަރު

ރާއްޖެއަށް ބޭހުގެ ދަތިކަމެއް މިވަގުތު ނެތް: ހެލްތު މިނިސްޓަރ

މިވަގުތަށް ރާއްޖެއަށް ބޭހުގެ ދަތިކަމެއް ނެތްކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިވަގުތު ބޭނުންވާވަރަށް ބޭހުގެ ސްޓޮކް ހުންނާނެކަމަށެވެ.

ބޭހާއި ސިއްޙީ އާލަތްތައް އާއްމުގޮތެއްގައި ރާއްޖެއަށް ގެންނަނީ އަވައްޓެރި އިންޑިއާއިންނެވެ. އެހެންނަމަވެސް އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު އިންތިހާއަށް ބޮޑުވެ ފަރުވާ ނުދެވި ގިނަ ބަޔަކު އަންނަނީ މަރުވަމުންނެވެ. އަދި މި ދަނޑިވަޅަކީ އެހެން ޤައުމުތަކުން އިންޑިއާއަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ދަނޑިވަޅެކެވެ. އިންޑިއާ މިފަދަ ހާލަތެއްގައި އޮތްވާ ރާއްޖެއަށް ބޭހުގެ ދަތިކަމެއް ކުރިމަތިވެދާނެތޯ ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވީ މި ވަގުތު ރާއްޖެއަށް ބޭހުގެ ދަތިކަމެއް އަތުވެދާނެކަމަށް ނުބެލެވޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި ބޭހުގެ ސްޓޮކް ބަލަހައްޓަމުން އަންނަކަމަށެވެ. އަދި ރާއްޖެއަށް ބޭހުގެ ދަތިކަން އަތުވެއްޖެނަމަ އެކަމުން ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ސިއްހީ ގިނަ ސާމާނު ފޯރުކޮށްދެއްވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މިވަގުތު އިންޑިއާގެ ހާލަތު ގޯސްކޮށް އޮތް އިރު އެހެން ޤައުމަކަށް އެހީތެރި ނުވެވޭނެކަމަށެވެ. އިންޑިއާއިން މީގެ ކުރިންވެސް ކޯވިޑްގެ ހާލަތާ ގުޅިގެން ވަނީ ބޭސްފަރުވާއަށް ބޭނުންވާ ސާމާނުތަކާއި ކާޑުގެ ބާވަތްތައްވެސް ރާއްޖެއަށް ފޯރުކޮށްދީފައެވެ. ޚާއްސަކޮށް ބޭހާއި ކޯވިޑް ވެކްސިންގެ އިތުރަށް އެހެނިހެން ސާމާނުވެސް ވަނީ ފޯރުކޮށްދީފައެވެ.

ކޯވިޑްގެ ދެވަނަ ރާޅަކާއި އެކު މިވަގުތު އިންޑިއާއޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ. މިގޮތުން ކޯވިޑް ޖެހިގެން ކޮންމެ މިނެޓަކު 2 މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެ ޤައުމުން ގިނަ މީހުން މަރުވަނީ ހަސްފަތާލުތަކުގެ ޖާގަ ފުރުމުގެ ސަބަބުންނެވެ. އަދި ހަސްފަތާލުތަކުގައި ތިބި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން މަރުވަނީ ޞިއްޙީ ސާމާނު ނެތުމުންނެވެ. އެ ޤައުމުން މިހާރު ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 19.5 މިލިޔަނަށްވުރެ މައްޗަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ ދެލައްކައަށް ވުރެ މައްޗަށްއަރާފައެވެ.