ޚަބަރު

އެކަށީގެންނުވާ ބާރުގެ ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ފުލުހުންނަށް ފިޔަވަޅު އަޅައިފި


މާލޭގައި ރޭ ކުރިއަށް ދިޔަ މުޒާހަރާގައި އެކަށީގެންނުވާ ބާރުގެ ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ފުލުހުންނަށް ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާ ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި "ޔޫސް އޮފް ފޯސް" ރިވިއު ކޮމިޓީން ބަލަން ފަށާފައިވާކަމަށެވެ. އަދި އެ މައްސަލަ ބަލާ ގޮތެއް ނިމެންދެން ފްރޮންޓްލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން މިހާރު ދުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަޙުޤީގުތަކުން ނުކުންނަ ނަތީޖާއަށް ބަލައި އަޅަންޖެހޭ ފިޔަވަލުތައް އަޅަމުން ދާނެކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީވެސް މުޒާހަރާ ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ބަލާނެކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ތަހްޤީޤުކުރަން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ އަމުރުކުރައްވާފައެވެ. ސީޕީ ޙަމީދު ވިދާޅުވީ ފުލުހުންގެ ޤާނޫނުގެ ދަށުން ތަހުޤީޤުކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށް އަންގާފައިވާކަމަށެވެ. އަދި އާންމުންގެ ކަންބޮޑުވުންތަކަށް ޤަދަރުކުރާކަމަށާއި، އެކަމަށް ޙައްލެއް ގެނެސް ޕްރޮފެޝަނަލްކޮށް މައްސަލަ ބަލާނެކަމަށްވެސް ކޮމިޝަރ ވިދާޅުވިއެވެ.

ރޭ ކުރިޔަށްދިޔަ މުޒާހަރާއަކީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖެކެވެ. މި އިހްތިޖާޖު އެމީހުން ފެށީ ރަސްފަންނު ސަރަޙައްދުންނެވެ. އެހެންނަމަވެސް އެތަނުގައި ތިބެ ޝުއޫރު ފާޅުކުރުމަށްފަހު އެމީހުން ވަނީ މަޖީދީމަގަށް ނުކުމެ އެމަގުގައި މުޒާހަރާ ކުރިޔަށް ގެންގޮސްފައެވެ. އެހެންކަމުން މަޖީދީމަގާއި އޯކިޑްމަގާއި ގުޅޭ ސަރަހައްދުން މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.

މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާ ނުބައްދަލު އަނިޔާވެރި އަމަލުތަކެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯތަކާއި ފޮޓޯތައް ވަނީ އާއްމުވެފައެވެ. އަދި މުޒާހަރާ ކަވާކުރަން ދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ހުރަސްއެޅިކަމަށް ބުނެ ނޫސްވެރިންވެސް ވަނީ ކަންބޮޑުންވުން ފާޅުކޮށްފައެވެ.