މުނިފޫހިފިލުވުން

"ލާލް ސިންގ ޗައްޑާ' ގެ އެކްޝަން ސީންތައް ޝޫޓްކުރަން ފަށައިފި


ކޯވިޑްގެ ބަލިމަޑުކަން އިންޑިއާގައި ތަޙައްމަލުކުރަމުންދާ މި ދަނޑިވަޅުގައި ގިނަ ފިލްމު ތަކެއްގެ ޝޫޓިން ވަނީ ހުއްޓުމަކަށް ގެންނަން ޖެހިފައެވެ. ނަމަވެސް ކާމިޔާބު ލޯބީގެ ފިލްމު "ރާޖާ ހިންދުސްތާނީ" އެކްޓަރ އާމިރް ޚާން ވަނީ އޭނާގެ ކުރިޔަށް އޮތް ފިލްމު "ލާލް ސިންގ ޗައްޑާ" ޝޫޓިންތައް ފަށާފައެވެ.

ސްކްރިޕްޓް ލިޔުންތެރިޔާ އަދި މިހާރު ޑައިރެކްޓަރެއް ކަމަށްވާ އަދްވިތް ޗަންދަން ޑައިރެކްޓް ކުރާ ކޮމެޑީ ޑްރާމާ މި ފިލްމުގެ ޝޫޓިންތައް ފަށާފައިވަނީ އިންޑިއާ ޕާކިސްތާނުގެ ސަރަހައްދެއްކަމަށްވާ ލަދަކްގައެވެ. މި ފިލްމްގެ ޝޫޓްކުރަން ފަށާފައިވަނީ ފިލްމުގައި ހިމެނޭ އެކްޝަން ސީންތަކެވެ. މި މަންޒަރުތައް ނެގުމަށް 45 ވަރަކަށް ދުވަސް ހޭދަވާނެކަމަށް ބެލެވޭއިރު ފިލްމުގެ ތަރިންގެ ތެރެއިން ވިޖޭ ސެތޫޕަތީ މި ޓީމާއި ގުޅޭނެކަމަށް ހަބަރުތައް ބުނެއެވެ.

"ލާލް ސިންގ ޗައްޑާ" މި ފިލްމަކީ 1994 ވަނަ އަހަރު ނުކުތް ޓޮމް ހޭންކްސްގެ ކާމިޔާބު ފިލްމް " ފްރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެވެ. " ފްރެސްޓް ގަމްޕް" ވަނީ އެއަހަރު ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް ހަދާ އެއަހަރު 6 އޮސްކާ އުފުލާލާފައެވެ.

މި ފިލްމުގައި ލީޑުން އާމިރު ހާނާއި އެކު ލީޑް އަންހެން ތަރީގެ ރޯލުން ފެނިގެންދާނީ އޭނާގެ އެންމެ ކާމިޔާބު އެއް ފިލްމުކަމުގައިވާ " ތްރީ އިޑިއެޓްސް" ގައިވެސް އާމިރުގެ ބައިވެރިއެއްގެ ރޯލް ކުޅުނު ކަރީނާ ކަޕޫރުއެވެ.

މި ފިލްމުގައި ކަރީނާ ކުޅެން ކެޖޭ މަންޒަރުތަކުގެ ޝޫޓިންތައް ވަނީ ނިމިފައެވެ. އަދި ކަރީނާ ވަނީ މީގެ ބައެއް ފޮޓޯތައް އެނާގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކާލާފައެވެ.

ކަރީނާ ބުނީ ކޯވިޑްގެ ހާލަތުގައި ފިލްމް ޝޫޓްކުރަމުން ދަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށެވެ. ކަރީނާ މި ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ އޭނާގެ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު ދުވަސްވަރުއެވެ.

100 އަށްވުރެ ގިނަ ލޮކޭޝަންތަކުގައި ޝޫޓްކުރާ މި ފިލްމު ސިނަމާތަކަށް އައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ކުރިސްމަސް އާއި ދިމާކޮށެވެ. އެހެންނަމަވެސް ޝޫޓިންތައް ލަސްވުމާއި މި ނޫންވެސް އެހެން ބައެއް މައްސަލަތަކާއި ހެދި ކަނޑައެޅުފައިވާ ތާރީހަށްވުރެ ފިލްމް ލަސްވާނެކަމަށް ވަނީ ބެލެވިފައެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވެސް ބުނީ ފިލްމް މަންޒަރުތައް ނަގަމުން އަންނަނީ އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވަރަށް ރަނގަޅަށް ކަންކަން ބަލައިގެންކަމަށެވެ.

"ލާލް ސިންގ ޗައްޑާ" އާމިރާހާންގެ ލުކް ފެނުމުންވެސް މި ފިލްމަށް އިންތިޒާރުކުރާ މީހުން ވަރަށް ގިނައެވެ. މި ފިލްމަށްފަހު ދެން އާމިރުހާން އެންމެ އަވަހަށް ފެންނާނެކަމަށް ބެލެވެނީ ބުޝަން ކުމާރު ޕްރޮޑިއުސްކުރާ ބަޔޮގްރޮފިކަލް ޑްރާމާ "މޮގަލް" އިންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްތައް ބުނާ ގޮތުން "މޮގުލް" ގެ ވާހަކަ އާމިރަށް ވަރަށް ބޮޑަށް ކަމުދާތީ ފިލްމުގައި އެކްޓް ކުރަން ނިންމުމުން ބުޝަން މިހާރު ވަނީ ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލު ސޮނާކްޝީ ސިންހާ ހުށަހަޅާފައިވާ ކަމަށާއި އަންނަ އަހަރުގެ ކްރިސްމަސްގައި މި ފިލްމު ރިލީޒް ކުރަން ބުޝަން ވިސްނާ ކަމަށް މީޑިއާތަކުން ބުނެއެވެ.