ޚަބަރު

މިންގަޑުތަކާއި ހިލާފުވެތޯ ބަލާ ފިޔަވަޅު އަޅާނަން - ހޯމް މިނިސްޓަރ


ރޭ މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ބަލާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް ކުރި އިހްތިޖާޖުން އެމީހުން ފެށީ ރަސްފަންނު ސަރަހައްދުގައެވެ. އެހެންނަމަވެސް އެތަނުގައި ތިބެ ޝުއޫރު ފާޅުކުރުމަށްފަހު އެމީހުންވަނީ މަޖީދީމަގަށް ނުކުމެ އެމަގުގައި ހިގަން ފަށާފައެވެ. އަދި މަޖީދީމަގާއި އޯކިޑްމަގާއި ގުޅޭ ސަރަހައްދާއި ހަމައިން ފުލުހުންވަނީ މި އެއްވުމުގައި ބައިވެރިވި މީހުންނަށް ހުރަސްއަޅާފައެވެ.

އެއްވުން ކޮންޓްރޯލްކުރަން އުޅުނު ފުލުހުންގެ ފަރާތުން މުޒާހަރާައިގެ ބައިވެރިންނަށް ލިބުނު އަނިޔާކަމަށް ބުނާ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފައެވެ. އަދި މުޒާހަރާ ރޫޅާލުމުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށާއި ނޫސްވެރިންނަށްވެސް ދަތިކޮށްފައިވާކަމަށް ބުނެ ކަންބޮޑުންވުން ވަނީ ފާޅުކޮށްފައެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކުރަން ޤާނުނުން ހުއްދަ ހާލަތުގައިވެސް އެ ބާރު ބޭނުންކުރަންޖެހޭނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިންކަމަށެވެ. އަދި ރޭ ހިނގި ހާދިސާގައި ފުލުހުން ބާރު ބޭނުންކުރުމުގެ މިންގަނޑުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިންގާފައިވޭތޯ ބައްލަވާނެކަމަށްވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ރޭގެ ހާދިސާއާއި ގުޅިގެން ފުލުހުންވެސް ވަނީ އެ މައްސަލަ ބަލަމުންދާކަން ހާމަކުރައްވާފައެވެ. ފުލުހުން ވިދާޅުވީ އެއްވުން ކޮންޓްރޯލްކުރަން ހަރަކާތްތެރިވާ ފުލުހުން ޢަމަލުކުރާ ގޮތާގުޅޭގޮތުން ހުށައަޅާ ޝަކުވާ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބަލަމުންދާކަމަށެވެ. މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާގޮތް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުންނާ "ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީ"ން ބަލަން ފަށާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އުސޫލާ ޚިލާފަށް ޢަމަލުކޮށްފައިވާނަމަ އެ ފުލުހަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުއަޅާނެކަަމަށްވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއެވެ.