ޚަބަރު

ވަޒީފާނެތް 10،000އަށްވުރެ ގިނަ މީހުން


ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުގެ 10،000އަށްވުރެ ގިނަ މީހުންނަކީ ވަޒީފާ ނެތް މީހުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ އާބާދީއަކީ 181،144އެވެ. އެއީ 107،426 ފިރިހެނުންނާ، 7،3717 އަންހެނުންނެވެ. މީގެތެރެއިން 93،618މީހުން މަސައްކަތް ކުރަނީ މާލޭގައެވެ. އަދި 87،526މީހުންނަކީ އަތޮޅުތަކުގައި މަސައްކަތްކުރާ މީހުންނެވެ.

ސްޓެޓްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވަޒީފާއަށްދާ އުމުރުގެ މީހުންގެ ތެރެއިން 10،127މީހުންނަކީ، ވަޒީފާ އަދާނުކުރާ ނުވަތަ އަންއެމްޕްލޯއިމަންޓް މީހުންނެވެ. ނިސްބަތުން ބަލާއިރު ވަޒީފާއަށްދާ އުމުރުގެ %5.3މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ.
އެއީ 6،422 ފިރިހެނުންނާ، 3،704 އަންހެނުންނެވެ. ވަޒީފާ ނެތް މީހުން އެންމެ ގިނައީ މާލޭގައެވެ. މާލޭގައި %6.1 މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. އަތޮޅުތަގެ ވަޒީފާއަށްދާ އުމުރުފުރައިގެ %4.4 މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.

ރާއްޖޭގައި ވަޒީފާގެ ދަތިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކާ ސަރުކާރާއި އަމިއްލަ ކުންފުނިތަކުންވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެންމެ އިސްކަމެއްދެނީ ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ހޯދުމުގެ މަސައްކަތެވެ. އެގޮތުން ނަރުހުންނާ ދިވެހި ޓީޗަރުން އުފެއްދުމުގެ އެކި ޕްރޮގްރާމްތައް ރާވާ އަންނަނީ ހިންގަމުންނެވެ. އަދި ބިދޭސީން އެންމެ ގިނަ އަދަދަކަށް މަސައްކަތްކުރާ ކޮންސްޓްރަކްޝަން ދާއިރާއަށް ދިވެހިން ވެއްދުމުގެ މަސައްކަތްތައް، ކުންފުނިތަކާ ގުޅިގެންވަނީ ފަށާފައެވެ.

"ސްޓެޓިސްޓިކަލް ޕޮކެޓްބުކް 2020"ގައި ބުނާގޮތުން ސިވިލް ސަރވިސްގައި 25،652މީހުން މަސައްކަތް ކުރަމުންދެއެވެ. އެއީ މާލޭގައި މަސައްކަތްކުރާ 9،280 މީހުންނާ، އަތޮޅުތަކުގައި މަސައްކަތްކުރާ 16،372 މީހުންނެވެ. ސިވިލް ސަރވަންޓުންގެ %3އަކީ ބިދޭސީ މުއައްޒަފުންނެވެ. މީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ނަރުހުންނާއި ޓީޗަރުންނެވެ.

މިއަހަރުގެ މަރޗްމަހުގެ ނިޔަލަށް އެއްކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި އެކި މަސައްކަތްތަކުގައި 177،585 ބިދޭސީން މަސައްކަތް ކުރަމުންދެއެވެ. މި އާބާދީގެ %63 ހިއްސާކުރަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެއީ 112،588 ބަންގްލަދޭޝް މަސައްކަތްތެރިންނެވެ. ދެން އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އިންޑިއާގެ 28،840މީހުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނައިރު، ސްރީ ލަންކާގެ 15،670 މީހުން، ނޭޕާލްގެ 5،029 މީހުން އަދި ޗައިނާގެ 3،506 މަސައްކަތްތެރިން އަންނަނީ ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި އެންމެ ގިނަ ވަޒީފާތައް އުފެދިފައިވާ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާއެވެ. ރިސޯޓް އެމްޕްލޯއި ސަރވޭއިން ދައްކާގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި 44،954 މީހުން މަސައްކަތް ކުރެއެވެ. މީގެތެރެއިން 21،332މީހުންނަކީ ދިވެހިންނެވެ. އެއީ އިންސައްތައިން ބަލާނަމަ %48އެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތަކީ %3އެވެ.