ވިޔަފާރި

މިފްކޯއިން ރަޝިއާއަށް މަސް އެކްސްޕޯޓްކުރަން މަސައްކަތްކުރަނީ


މިފްކޯއިން ރަޝިއާއަށް މަސް އެކްސްޕޯޓްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ މިފްކޯގެ އުފެއްދުންތަކަށް އިތުރު މާކެޓްތައް ހޯދުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިދުވަސްވަރު ދަތުރުފަތުރުކުރުމަށް އައިސްފައިވާ މަޑުޖެހުމާއެކު ކަނޑުމަގުން މުދާ ފޮނުވުމަށް ބޮޑު ޚަރަދެއް ހިނގާކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

"ވިއެޓްނާމް، ކޮސްޓަރިކާ، ޖަރުމަނުގެ އިތުރުން އެހެން ފަރާތްތަކާވެސް އެބަ ވާހަކަދައްކަން. މިދުވަސްވަރުގެ ގޮތުން ގޮންޖެހުން އެބަހުރި. ޚާއްސަކޮށް މިދުވަސްވަރަކީ ދުނިޔޭގައިވެސް ސީ ފްރައިޓްގެ އަގުވެސް ބޮޑު ދުވަސްކޮޅެއް. ކުރިއަށްވުރެ 200-300 ޑޮލަރު ބޮޑު މިހާރު." އިސްމާޢީލް ވިދާޅުވިއެވެ.

އިސްމާޢީލް ވިދާޅުވީ ޗައިނާއާއި ރަޝިއާއަކީ މަސް އެކްސްޕޯޓްކުރަން ފަށަން ރަނގަޅު މާރކެޓްތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޤައުމުތައް ކަަމަށެވެ. އަދި ރަޝިއާއަށް މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

"ރަޝިއާ މާރކެޓަށް އެކްސެސްވާން ބޭނުންވާ ޑޮކިއުމެންޓޭޝަން ކަންތައްތައް މިހާރުވެސް ސަރުކާރާއެކު އެބަ ކުރިއަށް ގެންދަން، އުންމީދުކުރަނީ އިކޮނޮމީތައް ރަނގަޅަށް ހުޅުވޭއިރު، އެޤައުމަށްވެސް އެކްސެސް ވެވޭނެ ކަަމަށް." އިސްމާޢީލް ވިދާޅުވިއެވެ.

މިފްކޯއިން އެންމެ ގިނަ ޢަދަދަކަށް ދަޅުމަސް އެކްސްޕޯޓުކުރަނީ ޔޫރަޕްގެ ޤައުމުތަކަށެވެ.