ކުޅިވަރު

ބެޑްމިންޓަންގައި އީޝަލް ދައްކަމުންދާ ނަމޫނާ


ޚާއްސަ އެހީއަށް ބޭނުންވާ މީހުންނައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަކީވެސް އެކި ދާއިރާތަކުން ކުރިއަށް ދެވިދާނެ އަދި ޤައުމަށް ރީތިނަމާއި ޝަރަފު ހޯދިދާނެ، ބައެކެވެ. އެފަދަ ކުދިންނަށް ބޭނުންވަނީ ފުރުސަތުތައް ފަހިކޮށްދިނުމާއި، އެހެންމީހުންގެ އެހީތެރިކަމެވެ. ތާޖުއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ހައްވާ އީޝަލް ރިޔާޒަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ މިފަދަ ކުއްޖެކެވެ.

ތާޖުއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ހައްވާ އީޝަލް ރިޔާޒަކީ މިހާރު ޕެރަ ބެޑްމިންޓަންގައި ވަރަށް ބާރަށް ކުރިއަރަމުންއަންނަ ކުޅުންތެރިއެކެވެ. ތާޖުއްދީން ސްކޫލްގެ ގްރޭޑް 8ގައި ކިޔަވަމުންދާ އީޝަލްއަކީ ބެޑްމިންޓަންގެ ކުރިން ހޭންޑްބޯލްވެސް ކުޅުނު ކުއްޖެކެވެ. 2 އަހަރު ދުވަސްވަންދެން ހޭންޑް ބޯލް ކުޅުމަށްފަހު، ބެޑްމިންޓަންގެ ތެރެއަށް ވަނީ 2019ވަނަ އަހަރު، ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ޝަޓަރ ޓައިމްގައި ބައިވެރިވެގެންނެވެ. އެއަށްފަހު ބެޑްމިންޓަނަށް ޝައުގުވެރިކަން އުފެދިގެން މިއަދާ ހަމައަށް ބެޑްމިންޓަން ކުޅުމުގައި ކުރިއަށްދާ އީޝަލްއަކީ ރާއްޖޭގައި ހަމައެކަނި ބީޑަބްލިއުއެފްގެ ޕެރަ ބެޑްމިންޓަންގައި ރޭންކު ކުރެވިފައިވާ ކުޅުންތެރިޔާއެވެ. ބެޑްމިންޓަން ކުޅުމުގެ އިތުރަށް އީޝަލްވަނީ ރާއްޖޭގައި ބާއްވާ ދުވުންތަކުގައިވެސް ބައިވެރިވެފައެވެ. އަދި ގިނަ ބައެއްގެ ތައުރީފުވެސް އީޝަލްއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިފަހަކަށް އައިސް ޚާއްސައެހީއަށް ބޭނުންވާ ކުދިނަށް މުޖުތަމައުގައި ދޭ ސަމާލުކަންވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އަދި މިހާރު ހުރިހާ ކުޅިވަރެއްގެ އިތުރުން ބައެއް އޮފީސްތަކުގައިވެސް މިފަދަ ކުދިންގެ ބައިވެރިވުން އޮންނަކަން ފާހަގަކޮށްލެވެއެވެ. ހަމައެކަނި ކުޅިވަރުގެ ތެރެއިން ބަލާލިޔަސް މިކުދިން މިހާރު ރާއްޖެއަށް ރީތިނަން ހޯދައިދިނުމުގައި އެހެން ކުޅުންތެރިނެކޭ އެއްހަމައެއްގައި އަންނަނީ ފައިތިލަ ސާބިތުކުރަމުންނެވެ. ހައްވާ އީޝަލް ރިޔާޒްބުނީ މިހާރު ކުރިންއަށްވުރެ ބޮޑަށް މީހުން ހޭލުންތެރިވެ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ބަލައިގަންގަން ފަށާފައިވާކަމަށެވެ.

ބެޑްމިންޓަން ކުޅޭއިރުވެސް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށާ އެންމެވެސް ވަރަށް ރަހުމަތްތެރިކަމާއެކު އެހީތެރިކަންވެސް ފޯރިކޮށްދޭކަމަށް އީޝަލްބުންޏެވެ.

ބެންޑްމިންޓަން ކުޅުމުގެ އިތުރުން ކިޔެވުމަށްވެސް ވަރަށް ބޮޑު ޝައުގެއް ހުންނަ އީޝަލްއަކީ ކޮރެއާ ބަހަށް، ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ކުއްޖެކެވެ. ކޮރެއާގެ ފިލްމުތަށް ބެލުމާއި އެބަސް ދަސްކުރުމަކީވެސް އީޝަލް ވަރަށް ޝައުގުވެރިކަމާއެކު ކުރާކަމެއްކަން ފާހަގަކޮށްލެވެއެވެ.

އާއިލާ އެންމެވެސް ވަރަށް ލޯބިވާ އީޝަލްގެ ކުރިއެރުމަށް އާއިލާގެ މެންބަރުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އީޝަލްވަނީ ފާހަގަކޮށްފައެވެ.