މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ މާލޭ ސިޓީ އޮޑިޝަން މިއަދު ފަށައިފި


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ މާލޭ ސިޓީ އޮޑިޝަން މިއަދު ފަށައިފިއެވެ.މޯލްޑިވިއަން އައިޑަލްގެ މާލޭ ސިޓީ އޮޑިޝަން ކުރިއަށްދަނީ ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގައެވެ. މާލޭ ސިޓީ އޮޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށެވެ. އެގޮތުން މި ޝޯވގައި ބައިވެރިވުމަށް ޝަޢުގުވެރިވާ 16 އަހަރާއި 30 އަހަރާއި ދެމެދުގެ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެސް.އެމް.އެސް ނުކުރާ ފަރާތްތަކަށްވެސް އޮޑިޝަން ކުރިއަށްދާ ވަގުތު، ނަން ނޯޓުކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.ރާއްޖޭގައި ބާއްވާ ލަވަކިޔުމުގެ އެހެން މުބާރާތްތަކާއި ޓީވީ ޝޯވތަކާއި ހިލާފަށް، މޯލްޑިވިއަން އައިޑަލްގައި ބައިވެރިވާ ފަރާތްތަކުން ޖަޖުންގެ ކުރިމައްޗަށް ދިއުމުގެ ކުރިން އިތުރު ކަންތައްތަކެއް ފުރިހަމަކުރަން ޖެހެއެވެ. އޮޑިޝަން ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން، މޯލްޑިވިއަން އައިޑަލް ޝޯވގެ ޑައިރެކްޓަރ މުޖުތަބާ ރަޝީދު ވިދާޅުވީ، ބައިވެރިން ރަޖިސްޓްރީވާ ހިސާބުން ފެށިގެން ފުރަތަމަ އެބައިވެރިއަކާއި ބެހޭ މައުލޫމާތު އެއްކުރުމަށްފަހު، ޓެލެންޓް ރޫމަށް ފޮނުވާލެވޭނެ ކަމަށެވެ. އަދި ޓްލެންޓް ރޫމްގައި މި ޝޯވގެ ކްރިއޭޓިވް ޑައިރެކްޓަރާއި، ރިއަލިޓީ ޓައިރެކްޓަރުގެ އިތުރުން މިއުކިޒް ކޯޗެއް ހިމެނޭހެން ތިން ބޭފުޅުންގެ ޕެނަލެއް ތިއްބަވާނެކަމާއި، ޖަޖުންގެ ކުރިމައްޗަށް ފޮނުވާލާނީ ކޮން ކޮން ބައިވެރިންތަކެއްތޯ ނިންމަވާނީ އެ ޕެނަލުންކަމަށް މުޖުތަބާ ވިދާޅުވިއެވެ.މޯލްޑިވިއަން އައިޑަލްގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ އާއްމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާ، ހުނަރުވެރި ކުޅަދާނަ ލަވަތަކެއް އާއްމުންނާއި ހަމައަށް ގެނެސްދީފައިވާ ތިން ފަންނާނުންކަމަށްވާ، މަރިޔަމް އުނޫޝާ – ކިޑީ، އިބްރާހިމް ޒައިދު އަލީ – ކުޑަ އިއްބެ އަދި އަހުމަދު އިބްރާހިމް – އައްމަޑޭއެވެ. މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ 3 ބަޔަކަށް ބަހާލައިގެންނެވެ ފުރަތަމަ އޮންނާނީ  އޯޕަން އޮޑިޝަނެކެވެ. އެއަށްފަހު ތިއޭޓަރ އޮޑިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި 2 އޮޑިޝަންގައިވެސް މިޔުޒިކާއި ނުލައި ބައިވެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލް ފެށުމަށް ބާއްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ ޝޯވ"އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ 3 ވަނައަށް ބާއްވާ ޕިއާނޯ ރައުންޑުންނެވެ. މިި ޝޯވގެ އަތޮޅުތަކުގެ އޮޑިޝަންތައް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ފުރަތަމަ އޮޑިޝަން އައްޑޫ ސިޓީ ހިތަދޫގައި ބާއްވާފައިވާއިރު، ދެވަނަ އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ގއ. ވިލިނގިލީގައެވެ. އަދި ތިން ވަނަ އޮޑިޝަން ޅ. ނައިފަރުގައި ކުރިއަށް ގެންގޮސްފައިވާއިރު، ހަތަރު ވަނަ އޮޑިޝަން ހދ. ކުޅުދުއްފުށީގައި ވަނީ ކުރިއަށްގެންގޮސްފައެވެ.