ދުނިޔޭގެ ވިޔަފާރި

އެމޭޒަންގެ ގިނަ މުވައްޒަފުންތަކަކަށް މުސާރައިގެ ކުރިއެރުން

ފުޅާދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުންދާ އެމެޒޯން ކުންފުނިން 500000 ވުރެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނެކަމަށް އިޢުލާނު ކޮށްފިއެވެ.

ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނެރުއްވި އަމުރާއި އެއްގޮތަށް މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް މަދުވެގެން 15 ޑޮލަރު ދޭކަށް އެކުންފުނިން އަދި ނުނިންމައެވެ.

އެމެޒޯން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމަންދާ މި ދަނޑިވަޅުގައި މުސާރައިގެ ކުރިއެރުން ދޭން ނިންމާފައިވާނީ މި ފެށޭ މެއިމަހުގެ މެދުތެރޭގައެވެ. 1 ބިލިއަން ޑޮލަރަށްވުރެ އިތުރުވާ ކޮންމެ އިންވެސްޓްމަންޓަކަށް މަސައްކަތު އެއްގަޑިރަށް 0.50 ޑޮލަރާއި 3 ޑޮލަރާއި ދެމެދުގެ އަދަދެއް އިތުރުކުރާނެކަމަށްވެސް ކުންފުނިން ބުނެއެވެ.

އެމޭޒޯންގެ މުވައްޒަފުންގެ ފުރަތަމަ ފަށާ މުސާރައަކީވެސް ގަޑިއިރަކަށް 15 ޑޮލަރު ކަމާއި އަދި މިދިޔަ އަހަރު ބޯނަސް އަދި އިންސެންޓިވްގެ ގޮތުގައި ދިނުމަށް ކުންފުނިންވަނީ 2.5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވިޔަފާރިއަށް އޮތް ޑިމާން އިތުރުވުމުގެ ސަބަބުން ކުންފުނިން ވަނީ 500000 މީހުން މުވައްޒަފުންގެ ގޮތުގައި ހޯދާފައެވެ. އަދި މި އަދަދާއެކު ކުންފުނީގައި މިހާރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. ރަނގަޅު މުވައްޒަފުން ހޯދަން އުނދަގޫ މި ދުވަސްކޮޅު އެމޭޒޯންގެ މުސާރައިގެ ކުރިއެރުމުގެ ސަބަބުން ކުންފުންޏަށް މުވައްޒަފުން އިތުރުވާނެކަމަށް ވަނީ ބެލެވިފައެވެ.

ދެބައިކުޅައެއްބައި މިލިއަން މީހުންގެ މުސާރަ ބޮޑުކުރުމަށް ކުންފުނިން ނިންމިކަމުގައިވިޔަސް މިނިމަމް ވޭޖް އިތުރުކުރުމަކަށް އެ ކުންފުންޏަކުން ނުނިންމައެވެ. މީގެ ސަބަބުން ވާދަވެރި ކޮސްޓޮކޯ ކުންފުންޏަށްވުރެ އެމޭޒަން ފަހަތަށްވެސް ވެއްޓިދާނެއެވެ. ކޮސްޓޮކޯއިން ވަނީ ފެބްރުއަރީ މަހުން ފެށިގެން މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 16 ޑޮލަރު އެމީހުންގެ މުވައްޒަފުންނަށް ދޭން ނިންމާފައެވެ.

މިދިޔަ އަހަރު އެމޭޒަންއިން ވަނީ ފައިދާގެ ގޮތުގައި 21 ބިލިއަން ޑޮލަރު ހޯދާފައިވެއެވެ. އަދި މާކެޓް ކެޕިޓަލައިޒޭޝަން އަކީ 1.74 ޓްރިލިއަން ޑޮލަރެވެ.