ކުޅިވަރު

ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބާސެލޯނާއަށް ގެއްލިއްޖެ



ސްޕެނިޝް ލަލީގާގައި ގްރަނާޑާއާއި ބައްދަލުކުރިމެޗުން ބަލިވެ ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރުމަށް އެފްސީ ބާސެލޯނާއަށް ލިބުނު ފުރުސަތު އެޓީމުން ނަގާލައިފިއެވެ. ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް ގްރަނާޑާއިން ކާމިޔާބުކުރީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ބާރސާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިލަނޑާއެކު ލީގު ނިމެން ގާތްވެފައިވަނިކޮށް ބާރސާއިން ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރާނެކަމަށް ގިނަ ބަޔަކު ދިޔައީ ޤަބޫލުކުރަމުންނެވެ. ނަމަވެސް ބާރސާއިން ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރުމަށް ކުރަމުންދިޔަ އުންމީދުތައް ފުނޑުފުނޑު ކޮށްލީ މެޗްގެ ދެވަނަ ހާފްގައި ގްރަނާޑާއިން ޖެހި ދެލަނޑާއެކުގައެވެ. މިގޮތުން މެޗްގެ 63 ވަނަ މިނެޓްގައި ޑަރވިން މާޗިސް ޖެހި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިމެޗުން ގްރަނާޑާ މޮޅުވި ލަނޑު ޖަހައިދިނީ މެޗްގެ 79 ވަނަ މިނެޓްގައި ހޯގޭ މޮލީނާއެވެ. ގްރަނާޑާއިން ލަނޑު ޖެހުމުގެ ކުރިން ބާރސާއަށް އެޓީމްގެ ލީޑު ފުޅާކުރާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ލަލީގާގައި މިހާރު ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮތް އިރު ކުޅުނު 33 މެޗުން ލިބިފައިވާ 73 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އަދިވެސް އޮތީ އެޓްލެޓިކޯ މެޑްރިޑެވެ. އަދި 71 ޕޮއިންޓާއެކު ދެވަނައިގައި ރެއާލް މެޑްރިޑް އުޅޭ އިރު 71 ޕޮއިންޓް ލިބުނު ނަމަވެސް ރެއާލް އާއި ބާރސާގެ ކުރިމަތިލުން ތަކަށް ބަލާއިރު ރެއާލްއަށް ކުރި ލިބޭތީ ބާރސާ އޮތީ ތިންވަނައިގައެވެ. އަދި ރޭގެ މެޗުން މޮޅުވި ގްރަނާޑާ އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.