ރިޕޯޓް

ރަނގަޅު ނިޒާމެއްގެ ދަށުން ކުނިމެނޭޖްކުރުން: ކުޅުދުއްފުށި ރައްޔިތުންގެ އުއްމީދު


ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުމެވެ. މިމައްސަލަ ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ހދ ކުޅުދުއްފުއްޓަށްވެސްވަނީ ކުރިމަތިވެފައެވެ. އެރަށުގައި ކުނިކޮށްޓެއް ހުރިނަމަވެސް ކުނި މެނޭޖުކުރުމަށް އެކަށީގެންވާ ވަސީލަތްތަކެއް ނުވަތަ ގޮތްތަކެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ.

ކުނި މެނޭޖް ކުރުމަށް ނުވަތަ ނައްތާލުމަށް އެރަށު ކުނިގޮނޑުގައި މިހާތަނަށް ކުރާ ހަމައެކަނި މަސައްކަތަކީ ކުނި އެންދުމެވެ. ނަމަވެސް ހުރިހާ ބާވަތެއްގެ ކުނި އެއްކޮށް އެންދުމުގެ ސަބަބުން އަރާ ދުން ރަށުތެރެއަށް ފެތުރި އާންމުންގެ ސިއްޙަތަށް އޭގެ ނޭދެވޭ އަސަރުކޮށް އާންމުންނަށް ދަތި އުނދަގޫތައް ދަނީ ދިމާވަމުންނެވެ. ޚާއްޞަކޮށް އިރުވައި މޫސުމުގައި ކުނި އެންދުމުން އަރާ ވިހަ ދުން ރަށުތެރެއަށް ފެތުރި އޭގެ އުނދަގޫ ރައްޔިތުން ތަހައްމަލްކުރަންޖެހޭލެއް ގިނައެވެ. އަދި ކުނިކޮށީގެ ސަބަބުން މެހީގެ އުނދަގޫވެސް ވަނީ ވަރަށްބޮޑަށް ކުރިމަތިވެފައެވެ.

ކުނިކޮށި ހުންނަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ސަރަހައްދާ ކައިރީގައެވެ. އެހެންކަމުން ކުނި އެންދުމުން އަރާ ވިހަ ދުމާއި މެހީގެ އުނދަގޫ އެތަނުގެ ބޭނުންހިފާ ކުޑަކުދިންނާއި ޒުވާނުންނަށްވެސް ވަނީ ކުރިމަތިވެފައެވެ. އަދި މިކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެއެވެ.

ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ މިމައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވަރަށްގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ނައްތާނުލެވި ކުނިތައް ހުރިކަން ފާހަގަކުރެވި މީގެ ތެރެއިން އެންމެ ގިނަ ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނި 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ ހަވާލުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި ޒަމާންވީ މިމައްސަލަޔަށް ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި ދާއިމީ ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ 3 ސަރަހައްދެއްގައި ކުނި މެނޭޖް ކުރާނެ ނިޒާމްގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި މިދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަށް ކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

އެގޮތުން ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެފައިވާ ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ގާތްގަނޑަކަށް 92000 ޓަނުގެ ކުނި ހުސްކުރަން ވެމްކޯއިންވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ފަށާފައެވެ.

ކުނީގެ މައްސަލައަކީ ކުޅުދުއްފުށީގެ ރައްޔިތުން ވަރަށް ކަންބޮޑުވެ ގޮތް ހުސްވެފައިވާ މައްސަލަޔަކަށް ވާއިރު ކުޅުދުއްފުށީ ކުނިކޮށި ހުސްކުރަން ފެށުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ރައްޔިތުންގެ އުއްމީދަކީ ކުނިކޮށި ހުސްކޮށް ނިމުމުން އެކަށީގެންވާ ރަނގަޅު ނިޒާމެއްގެ ދަށުން ކުނިމެނޭޖް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުމެވެ.

"
"އެހެން ސިޓީތަކުގަވެސް ވެމްކޯއިން ކުނިމެނޭޖް ކުރަމުން އެދަނީ. އަޅުގަނޑުމެންވެސް ބޭނުންވަނީ ކުޅުދުއްފުށީ ސިޓީގަވެސް ވެމްކޯއިން ކުނި މެނޭޖް ކުރަން"
އާންމު ރައްޔިތުން

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކުނިކޮށި ހުސްކޮށް ބިން ލެވެލް ކުރުމަށްފަހު ދެން ކުނިކޮށި މެނޭޖްކޮށް ރަނގަޅަށް ބަލަހައްޓަމުންގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީއަށް އަލަށް އިންތިޚާބުވި މޭޔަރ އާތިފް ވިދާޅުވީ ސިޓީ ކައުންސިލުން ކުނި މެނޭޖް ކުރުމަށް ރަނގަޅު ޕްލޭނެއް ހަދާފައިވާކަމަށެވެ. އެގޮތުން ގޭ ދޮރުންފެށިގެން ކުނި ނަގާ، ކުނިކޮށްޓަށް ކުނިގެންގޮސް ކުނި މެނޭޖް ކުރާނީ ކައުންސިލްގެ ޕްލޭނާ އެއްގޮތަށްކަމަށެވެ. އަދި ކުނިކޮށީގެ ސަބަބުން މީހުންނަށް ވަމުންދިޔަ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި މިކަން ހައްލުވެގެންދާއިރު ގިނަބަޔަކަށް އެތަނުން ވަޒީފާގެ ފުރުސަތުވެސް ތަނަވަސްވެގެންދާނެކަމަށްވެސް އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ 12000 ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.