ޚަބަރު

ގައިދީންނަށް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުންނަށް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗްއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެދަށުން، ޤައިދީންނާއި ބަންދުމީހުންގެ ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރިއަށްދާނީ ގޫގްލް މީޓް މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންގެ ގޮތުގައެވެ. އަދި ޑޮކްޓަރަށް ދައްކަން ހަމަޖެހިފައިވާ މީހާގެ ސިއްޙީ މަޢުލޫމާތު، އެޕޮއިންޓްމަންޓްގެ 01 ގަޑިއިރު ކުރިން ޑޮކްޓަރާ ހިއްސާކުރެވޭނެއެވެ. އަދި މިއާ ގުޅިގެން ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްއެއް ހަމަޖެހިގެން ދިއުމަކީ ޤައިދީންނާއި ބަންދު މީހުންނަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް ކަރެކްޝަނަލްއިން ފާހަގަކުރެއެވެ. ޚާއްސަކޮށް ކޯވިޑް-19 ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މިދަނޑިވަޅުގައި ޤައިދީންނާއި ބަންދު މީހުންނަށް ވީހާވެސް ރައްކާތެރިކަމާއެކު ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ އެއިދާރާގެ ޢަމާޒެކެވެ.