ކުޅިވަރު

ސިޓީ އާއި ޕީއެސްޖީގެ ފުރަތަމަ ކުރިމަތިލުން ސިޓީ ކާމިޔާބުކޮށްފި



ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ޕެރިސް ސެއިންޓް ޖަރމެއިން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. މިމެޗް ސިޓީ ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވަދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މިމެޗްގައި ފެނިގެންދިޔައީ ދެޓީމުން ދެ ހާފް ޑޮމިނޭޓް ކުރި ތަނެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައިވަނީ ޕީއެސްޖީން. މިގޮތުން މެޗްގެ ކުރީކޮޅު ޕީއެސްޖީއިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއަކަށްވީ މެޗްގެ 15 ވަނަ މިނެޓްގައި ޕީއެސްޖީ އިން ލަނޑެއް ޖަހާ މެޗްގެ ލީޑު ނެގުމެވެ. މިލަނޑު ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން މާކީނިއޯސްއެވެ. މި މެޗްގައި ސިޓީއަށް ހަމައަކަށް އެޅޭ ގޮތްވީ ފުރަތަމަ ހާފްގެ މެދުތެރޭގައެވެ. މިހާފްގައި ސިޓީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑަން އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވަނީ ކޭލާ ނަވާސް ވަރަށް ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ރަނގަޅަށް ކުޅުން ތައް ފެނިގެންދިޔައި ސިޓީގެ ފަރާތުންނެވެ. މިގޮތުން ސިޓީއިން ވަނީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް ހަމަލާއަށް އިސްކަން ދީގެން ކުޅެފައެވެ. ނަތީޖާއަކަށްވީ މެޗްގެ 64 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑަކީ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރުއިނަރ ޕީ.އެސް.ޖީ.ގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވާލި ބޯޅައެއް އެއްވެސް ކުޅުންތެރިއެއްގެ ގައިގާ ލައްވާ ނުލާ ގޯލަށް ވަދެގެން ކާމިޔާބު ވި ލަނޑެކެވެ. އަދި މިބޯޅަ ގޯލަށް ވަންއިރު ޕީއެސްޖީ ކީޕަރ ނަވާސްއަށް ވެސް ހުރީ ހުއްޓުން އަރާފައެވެ. މިމެޗްގައި ސިޓީގެ ދެވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ރިޔާދު މަހްރެއިޒްއެވެ. ސިޓީއިން ޖެހި ދެލަނޑުގައިވެސް ޕީއެސްޖީ ގެ ޑިފެންސަށް ގޯސް ހެދިފައިވާކަން ފާހަގަވެގެން ދިޔައެވެ. އަދި މެޗްގެ 77 ވަނަ މިނެޓްގައި ޕީ.އެސް.ޖީ.ގެ އިދްރީސާ ގުއާއޭ ސިޓީގެ އިލްކާއި ގުންޑޮގާންއަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ރަތް ކާޑާއެކު އެޓީމް މެޗްގެ ބާކީ ބައި ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށްފައެވެ.

މި ކާމިޔާބީއާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަހޯދުމަށް މަސައްކަތް ކުރަމުންދާ ސިޓީއަށް މިވަނީ ދެވަނަ ލެގަށް ނިކުންނައިރު އެޑްވާންޓޭޖް ލިބިފައެވެ. މިގޮތުން ރަށުން ބޭރުގައި ކުޅެ މޮޅުވުމުގެ އިތުރުން އަވޭ ދެ ގޯލް މިވަނީ ސިޓީއަށް ލިބިގެން ގޮސްފައެވެ. ނަމަވެސް ޕީއެސްޖީ ގައި ތިބި ކުޅުން ތެރިންނަށް ބަލާލާއިރު ދެވަނަ ލެގްގައި ނަތީޖާ އަނބުރާލުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ. އަދި ރޭގެ މެޗްގެ ފުރަތަމަ ހާފްގައި ދެއްކި ކުޅުން ތަކުރާރު ކޮށްފި ނަމަ ޕީއެސްޖީ އަށް ވެސް ޖެހިޖެހިގެން ދެވަނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަހޯދުމަކީ މާ ދުރުގައި ވާ ކަމެއް ނޫނެވެ.