ވިޔަފާރި

އަހަރުގެ ފުރަތަމަ ކުއާޓަރުގައި މާލީ ހާލަތު ރަނގަޅުވެ ބީއެމްއެލްއަށް %23 ފައިދާއެއް


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީން %23 ގެ ކުރިއެރުމެއް ހޯދައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މާލީ ހާލަތު ވަނީ މިދިޔަ އަހަރު ދަށްވެފައެވެ. ބީއެމްއެލްއިން އާންމުކޮށްފައިވާ މާލީ ނަތީޖާތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2020 ވަނަ އަހަރާ އަޅާބަލާއިރު %23 އިތުރު އަދަދެކެވެ. މިނަތީޖާ ބޭންކަށް ހާސިލްކުރެވިފައިވަނީ މިދިޔަ އަހަރު ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ބޭންކުގެ މައިގަނޑު ވިޔަފާރިތަކަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާތީ ކަމަށް އެބޭންކުން ބުނެއެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 537 މިލިއަން ލިބިފައިވާއިރު މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާބަލާއިރު %25 އިތުރު އަދަދެކެވެ. މި ނަތީޖާ ހާސިލް ކުރެވިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާ ގުޅިގެންކަމަށް ބީއެމްއެލްއިން ބުނެއެވެ. ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިކަމަށްވެސް ބޭންކުން މައުލޫމާތުދެއެވެ.

ބީއެމްއެލްގެ މާލީ ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އެ ބޭންކަށް ލިބުނު ގެއްލުމުން މިހާރު އަރައިގަނެވެމުން އަންނަކަމަށެވެ. މި ނަތީޖާ އާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

" ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ނަތީޖާއާ އެކު ކޯވިޑް-19 އާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމުގައި ހާލަތު ރަނގަޅު ވަމުންދާކަމުގެ ނިޝާންތައް މިދަނީ ފެންނަމުން. މީގެ ތެރޭގައި ކާޑުން ލިބޭ އާމްދަނީވެސް ހިމެނޭ. މި ނަތީޖާ އާ އެކުވެސް މިހާރުގެ ހާލަތުން އަރައިގަތުމަށް އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މަސައްކަތްތައް ބައްޓަންކުރާނީ ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކު. ކަސްޓަމަރުންނާއި މުޖުތަމައަށް އެހީވުމަށް ކުރާ އިންވެސްޓްމަންޓާއި ބޭންކުގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން އައު ޕްރޮޑަކްޓާއި ޚިދުމަތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާނަން." ޓިމް ސޯޔަރ ވިދާޅުވިއެވެ.

މިކުއާޓަރގައި ބީއެމްއެލްގެ ވިއުގަ ފުޅާކުރުމަށާއި މުޖުތަމައަށް އެހީތެރިވުމަށް މަސައްކަތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ބީއެމްއެލް އިން ވަނީ ކ. ގުރައިދޫ އާއި މ. މުލީގައި އަލަށް ސެލްފް ސަރވިސް ބޭންކިންގގެ ޚިދުމަތް ފަށާފައެވެ. މި ކުއާޓަރގައި މުޖުތަމައަށް ފޯރުކޮށްދޭ އެހީގެ ދަށުން ބީއެމްއެލް އިން ވަނީ މާލީ ގޮތުން އެހީތެރިވުމަށް 5 ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓެއް ހޮވާފައެވެ.