ކުޅިވަރު

ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިއޮތް ރޭސް ތުރުކީވިލާތަށް ބަދަލުކޮށްފި


ފޯމިއުލަރ ވަން ކާރު ރޭހުގެ މިއަހަރުގެ ސީޒަންގައި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވި ރޭސް ތުރުކީވިލާތަށް ބަދަލުކޮށްފިއެވެ. ފޯމިއުލަރ ވަން އިން ހާމަކުރިގޮތުގައި ކެނޭޑިއަން ގްރޯން ޕްރީގެ ބަދަލުގައި ޓަރކިޝް ގްރޯން ޕްރީ ބޭއްވުމަށް ހަމަޖެއްސީ ކޮރޯނާ ވައިރަހުގެ ސަބަބުން ކެނެޑާގައި ރޭސް ބޭއްވުމުގައި ދަތިތަށް ހުރުމުންނެވެ.

މިއީ ކެނޭޑިއަން ގްރޯން ޕްރީ ކެންސަލް ކުރި ދެވަނަ ސީޒަނެވެ. މިހާރު ހަމަޖެހިފައިވާގޮތުން ކެނޭޑިއަން ގްރޯން ޕްރީ މިސީޒަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހް ކަމަށްވާ ޖޫން މަހުގެ 11 އިން 13 އަށް ރޭސް އޮންނާނީ ތުރުކީވިލާތުގެ އިސްތަންބޫލް ޕާރކް ޓްރެކްގައެވެ. އެފް ވަން އިން ބުނީ ކެނެޑާގައި ބެއްވުމަށް ހަމަޖެހިފައި އޮތް މުބާރާތް ތުރުކީ ވިލާތަށް ބަދަލުކުރީ ކޯވިޑް-19 ގެ ސަބަބުން ކެނެޑާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތާއި ނުލާ ކެނެޑާއަށް ވަނުން މަނާކޮށްފައި އޮތުމުންނެވެ. ކެނޭޑިއަން ގްރޯން ޕްރީ ދެވަނަ ފަހަރަށް ކެންސަލް ކުރި ނަމަވެސް މޮންޓްރިއަލްގެ ސަރކިޓް ގައިލްސް ވިލެނެއުވޭ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ދެއަހަރަށް އިތުރު ކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ކެނެޑާގެ އޮންޓާރިއޯގައި ކޯވިޑް-19 ގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރު ވާން ފަށާފައެވެ.

މިއީ ތުރުކީވިލާތުގައި އެފް ވަންގެ ރޭސް ޖެހިޖެހިގެން ބާއްވާ ދެވަނަ ސީޒަނެވެ. މިދިޔަ ސީޒަންގައިވެސް ތުރުކީވިލާތް ވަނީ ކެންސަލް ކުރި ރޭހުގެ ބަދަލުގައި ބޭނުން ކޮށްފައެވެ. މިދިޔައަހަރު ވެގެން ދިޔައީ 2011 ވަނަ އަހަރަށް ފަހު ޓަރކިޝް ގްރޯން ޕްރީ ބޭއްވި ފުރަތަމަ ފަހަރަށެވެ. އަދި މިދިޔަ ސީޒަންގައި ތުރުކީވިލާތުގައި ބޭއްވި ރޭސް ވެގެން ދިޔައީ މިހާރުގެ ޗެމްޕިއަން ލުއިސް ހެމިލްޓަން މިދިޔަ ސީޒަންގެ ޗެންޕިއަންކަން ކަށަވަރު ކުރި ރޭހަށެވެ.