ޒަކާތުގެ ގޮތުގައި މި ރަމަޟާންމަހުގެ މިހާތަނަށް 8 ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރު ޒަކާތް އޮންލައިންކޮށް ދެއްކުމަށް މިނިސްޓްރީންވަނީ އިރުޝާދުދެއްވާފައެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިރަމަޟާންމަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 899031 ރުފިޔާ ލިބިފައިވާކަމަށެވެ. އެއީ 20862މީހުން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ފައިސާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މީގެތެރޭގައި ހިމެނެނީ އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކި 17858މީހުންނާއި، މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރަށް ޒަކާތް ދެއްކި 3005 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ނިމުނު 1441ވަނަ އަހަރުގެ ފުރަތަމަ 12ދުވަހު، ޒަކާތްދެއްކި މީހުންނަށްވުރެ މިރަމަޟާންމަހުގެ މިމުއްދަތުގެ ނިއަލަށް ޒަކާތް ދެއްކި މީހުންގެ އަދަދު ދެގުނަ މަދުކަމަށެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 1،942،201 ރުފިޔާ ލިބިފައިވެއެވެ. ފިތުރު ޒަކާތަކީ ދީނުގައި ކުރުން ވާޖިބު ކަމަކަށްވާއިރު، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލްކަން ދިނުމަށް މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ.
ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މިއަހަރު ޒަކާތް ދެއްކުން އޮންލައިންކޮށް ކުރިއަށްގެންދިއުމަށް އިސްލާމިކް މިނިސްޓްރީންވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ދިރާގާއި އުރީދޫ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރުކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އުރީދޫއާއި ދިރާގުން އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. މީގެއިތުރަށް ފަހިޕޭ އެޕްލިކޭޝަންއާއި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.
ނަމަވެސް އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކުން، އިސްލާމިކް މިނިސްޓްރީގައި ޒަކާތް ދެއްކުމަށް ބަހައްޓާފައިވާ ޑެސްކަށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ކަނޑައަޅާފައިވަނީ އެރަށެއްގައި ކެއުމަށް އާއްމުކޮށް ކައިއުޅުނު ބާވަތެއްގެ 2.4 ކިލޯގެ އަގެވެ.
މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚަކީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އަތޮޅުތަކުގައި އެރަށެއްގެ ކައުސިލުން ކަނޑައަޅާ މުއްދަތަކަށް ޒަކާތް ދެއްކޭނެއެވެ.