ޚަބަރު

މިއަދު ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ


ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ފަށައިފިއެވެ. މިއީ މިދައުރުގެ 37 ވަނަ ޖަލްސާއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ މަސައްކަތްތައް ނިމިއްޖެނަމަ މިއަދުގެ ޖަލްސާ، މިދައުރުގެ ފަހު ޖަލްސާއަށް ވެގެންދާނެކަމަށެވެ.

މިޖަލްސާގައި ކުރިޔަށް ދާނީ މަޖިލީހަށް ހުށައަޅާފައިވާ މުހިއްމު ބިލްތަކާއި ބައެއް މަސައްކަތްތަކާއި ގުޅެގޮތުން ކޮމިޓީތަކުން ނިންމާފައިވާ ނިންމުންތަކާއި ގުޅޭ ރިޕޯޓުތައް ނިންމާ ފާސްކުރުމެވެ. މީގެތެރޭގައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ބިލު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާ ކުރަމުންނުދާ ކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްވެސް ހިމެނެއެވެ. މީގެއިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމާއި ގުޅޭގޮތުންވެސް މަޖިލީހުގެ މި ޖަލްސާގައި ގޮތެއް ނިންމުން އޮންނާނެއެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރު ލިބިދޭ ގޮތަށް އިސްލާޙު ގެނެސްފައެވެ.

މީގެ އިތުރުން މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީން ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅުއްވާފައިވާ ޤަރާރު، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް ގޮތެއް ނިންމުމަށްވެސް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދަވާނެއެވެ.