ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާ: މާޗް މަހު އެންމެ ގިނައީ އިހުމާލުވުމާއި، ޖިންސީ، ޖިސްމާނީ އަނިޔާ


ކުޑަކުދިންނާ ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން މާޗް މަހު އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލައާއި ޖިންސީ އަދި ޖިސްމާނީ ހާނިއްކައިގެ މައްސަލަތައްކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މާޗް މަހުގައި ޖުމްލަ 215 މައްސަލަ ރިޕޯޓުކޮށް ބަލާފައިވެއެވެ. މިއީ ފެބްރުއަރީ މަހުގެ ތަފާސްހިސާބަށް ބަލާއިރު، އިތުރު ޢަދަދެކެވެ. ފެބްރުއަރީ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ޖުމްލަ 186 މައްސަލައެވެ.

ވޭތުވެދިޔަ މަހާ އަޅާ ބަލާއިރު، ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލައާއި ޖިންސީ އަދި ޖިސްމާނީ ހާނިއްކައިގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މާޗު މަހަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 84 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުޅަހާޅާފައިވެއެވެ. އޭގެތެރެއިން، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލައެވެ. މިބާވަތުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލައާއި ޖިންސީ ހާނިއްކައިގެ 18 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

އަދި އަނިޔާކުރާތަން ކުޑަކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ 4 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، އެހެންކުދިންގެ ފަރާތުން ގަނާލިބި، ފުރައްސާރައިގެ ޝިކާރައަކަށްވުމުން ހުށަހަޅާފައިވާ 3 މައްސަލައާއި އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއްވެސް ވަނީ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު ފެބުރުއަރީ މަހަށްވުރެ މާޗު މަހު ރިޕޯޓުކުރި ނަފްސާނީ ހާނިކައާއި ޖިންސީ ހާނިއްކައިގެ މައްސަލަތައް މަދެވެ. ނަމަވެސް، ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ރިޕޯޓުކޮށްފައިވާ ޢަދަދު މާޗް މަހު ވަނީ އިތުރުވެފައެވެ.

ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ އިތުރުން، އެހެން ބާވަތްތަކުގެ މައްސަލަތައްވެސް މާޗް މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން، ކުޑަކުދިންގެ އަޚްލާޤީ މައްސަލަތަކާއި ޢާއިލީ މައްސަލަތަކާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން ހުށަހަޅާފައިވާ މައްސަލަތަކާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަތައްވެސް ރިޕޯޓުކޮށްފައިވެއެވެ.

ކުޑަކުދިންގެ އަޚުލާޤާ ގުޅުންހުރި 14 މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، ޢާއިލީ މައްސަލަތަކުގެ 27 މައްސަލައަކާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 47 މައްސަލައެއް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 21 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 2 މައްސަލައާއި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލައެއް ވެސް މާޗް މަހުވަނީ ރިޕޯޓުކޮށްފައެވެ.