ކުޅިވަރު

މައިޝާ އާއި ރިޒާ ކައިވެނީގެ ގޮތުން ގުޅިއްޖެ



ރާއްޖޭގެ ގައުމީ ޓީމްގެ ދެ ކުޅުންތެރިންކަމަށްވާ މައިޝާ ފަތުޙުﷲ އާއި ހުސެއިން ރިޒާ ކައިވެނިކޮށްފިއެވެ.

ގައުމީ ބެޑްމިންޓަން އަންހެން ޓީމްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މައިޝާ ހޯދާފައިވާއިރު ރިޒާވެސްވަނީ ގައުމީ އެތްލެޓިކްސް ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ތިން އަހަރު ރައްޓެހިވެގެން އުޅުމަށްފަހު މިދެ ކުޅުންތެރިން ކައިވެނިކޮށްފައިވާއިރު އެންމެ ފަހުން މިދެ ކުޅުންތެރިންވަނީ ރާއްޖެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ގޭމްސްކަމަށްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށްފައެވެ. މައިޝާވަނީ 2016ވަނަ އަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. 2019ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ އަންހެން ބެޑްމިންޓަން ޓީމްވަނީ ލޯ މެޑަލްއެއް ހޯދާފައެވެ. އަދި މުހައްމަދު އަޖުފާން ރަޝީދުއާއެކު ޕެއަރވެގެން މައިޝާވަނީ މިކްސް ޑަބަލްސްއިން ލޯ މެޑަލްއެއް ހޯދާފައެވެ. މައިގެ ބައްޕަ އަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ ފަތުހުﷲ ވަހީދު (ފައްލޯ)އެވެ. އަދި އޭނާގެ ކޮއްކޮ ލައިޝާ ފަތުހުﷲ އިސްމާއީލް (ލައި) އަކީ ރާއްޖޭގެ އެންމެ އުއްމީދީ އެއް ޓޭބަލް ޓެނިސް ކުޅުންތެރިޔާއެވެ.

ރިޒާ އަކީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުން މި ވަގުތު ރާއްޖޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާއެވެ. ރިޒާވަނީ 2019 ވަނަ އަހަރުގެ ނެޝަނަލް ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 1500 މީޓަރު ރަން މެޑަލް ހޯދާފައެވެ.

ކުޅިވަރު ތަރިން ކައިވެނި ކުރުމަކީ ދުނިޔޭގައި ވަރަށް އާންމުކަމެކެވެ. މިއީ މިހާރު ރާއްޖޭގައި ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެގޮތުން ރާއްޖޭގައި ކުޅިވަރުގެ ތެރެއިން ދެ މަފިރިންގެ ގޮތުގައި ގުޅިގެން އުޅޭ ކުޅުންތެރިންގެ ތެރޭގައި ބާސްކެޓްބޯޅަ ތަރިން ކަމަށްވާ މުހައްމަދު ޒިލާލާއި އައިޝަތު ރިޝްމާ ،ފާތިމަތު ރީމާ އާއި ޒަކަރިއްޔާ އަބްދުއްލަތީފް ނަޝްފާ އާމިރާ އާއި އަހުމަދު ފިރާޝް ފާހަގަކޮށްލެވެއެވެ. ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ވަހީދު ހަސަން އާއި ޒުވާން ވޮލީބޯޅަ ކުޅުންތެރިޔާ ހައްވާ ސަހާ ވެސް ވަނީ މިދިޔަ އަހަރު ކައިވެނިކޮށްފައެވެ. އަދި ބާސްކެޓް ތަރި އާމިނަތު ޝިއުރާ ކައިވަނިކޮށްގެން އުޅެނީ ގައުމީ ފުޓްބޯޅަ ޓީމްގެ އަސަދުﷲ އަބްދުﷲއާއެވެ. ކޯޗް މުހައްމަދު ނިޒާމް އާއި ކުރީގެ ވޮލީގެ ކުޅުންތެރިޔާ އައިޝަތު ނާޒިމާގެ ކައިވެއްޏަކީވެސް ކުޅިވަރުގެ ޢާއިލާ ތެރޭގައި ފާހަގަކޮށްލެވޭ ދެމަފިރިންނެވެ. ނިޒާމް އާއި ނާޒިމާގެ ކައިވެންޏަށް މިހާރު މިވަނީ 16 އަހަރު ފުރިފައެވެ.