ކުޅިވަރު

ޔޫވީއަތުން ބަލިވުމުން ލީގަށް ވާދަކުރުމުގެ އަމިއްލަ ބާރު ގެއްލިއްޖެ: އާތީ


ޔުނައިޓަޑް ވިކްޓްރީ އަތުން ބަލިވުމާއި ގުޅިގެން ކުލަބް ވެލެންސިޔާއަށް ދިރާގު ދިވެހި ޕްރިމިއަރ ލީގަށް ވާދަކުރުމުގެ އަމިއްލަ ބާރު ގެއްލިއްޖެކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުނެފިއެވެ.

ޔޫވީ އަތުން ވެލެންސިޔާ ބަލިވެފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ. ކުލަބް ވެލެންސިޔާ އޮތީ ލީގް ތާވަލްގެ ދެވަނައިގައެވެ. އެޓީމަށް 13 މެޗުން 24 ޕޮއިންޓް ލިބިފައިވެއެވެ. އެއީ 7 މެޗުން މޮޅުވެ 3 މެޗުން އެއްވަރު 3 މެޗުން ބަލިވެގެންނެވެ. ތާވަލްގެ އެއްވަނައިގައިވާ މާޒިޔާއާއި ވެލެންސިޔާއާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ 7 ޕޮއިންޓަށް ފުޅާވެފައެވެ. މާޒިޔާއަށް 13 މެޗުން 31 ޕޮއިންޓް ލިބިފައިވެއެވެ.

މިރޭ ކުލަބް އީގަލްސްއާއި ވާދަކުރުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފްބުނީ އެންމެ ފަހުން ޔޫވީއަތުން ގެއްލުނީ ވަރަށް މުހިންމު ތިން ޕޮއިންޓުކަމަށާއި އެމެޗުން ބަލިވުމުގެ ސަބަބުން ލީގަށް ވާދަކުރުމުގެ އަމިއްލަ ބާރު މިހާރު ގެއްލިފައިވާކަމަށާއި އެހެން ޓީމުތަކުގެ ނަތީޖާއަށް ބެލުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވެލެންސިޔާގެ ކޯޗް އާތިފް ބުންޏެވެ. އަދި މިހާރު ތާވަލްގެ ދެވަނަ މަގާމް ހިފެހެއްޓުމަށްޓަކައި ވީހާވެސް ގިނަ ޕޮއިންޓް ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި މިރޭ ކުލަބް އީގަލްސްއާއި ވާދަކުރާ މެޗަކީވެސް ކުލަބް ވެލެންސިޔާއަށް ވަރަށް މުހިންމު ތިން ޕޮއިންޓުކަމަށް އާތިފް ބުންޏެވެ. އަދި ކުލަބް އީގަލްސްއަކީ ވަރަށް ގިނަ ދުވަހުން ތައްޔާރުކޮށްފައިވާ ޓީމެއްކަމަށާއި އެހެންކަމުން އީގަލްސްއާއި ދެކޮޅަށް ވެލެންސިޔާ ނިކުންނަން ޖެހޭނީ ވަރަށް ވިސްނައިގެންކަމަށް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ.