ޚަބަރު

ބްރިޖު އަޅަނީ އަންދާޒާ ކުރި އަގަށް ވުރެ ކުޑަ އަގަކަށް!




ހުޅުލެ، މާލެ އަދި ހުޅުމާލެ ގުޅާލާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް
އެޅުމަށް މިއަދު ކަނޑައެޅިގެން ދިޔަ ކުންފުނިން ހުށަހަޅާފައިވަނީ ސަރުކާރުން
އަންދާރާކުރެއްވި އަގަށްވުރެ ކުޑަ އަގެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. އަދި
މިކަމަށް ހޮވިފައިވަނީ، ދިވެހި ސަރުކާރު ވަރަށް ހިތްހަމަޖެހޭ ވަރަށް ފެންވަރު
ރަނގަޅު މަސައްކަތްތައް ކޮށްފައިވާ ކުންފުންޏެއް ކަމަށްވެސް ހާމަކުރައްވައެވެ. 

ހުޅުލެ، މާލެ އަދި ހުޅުމާލެ ގުޅާލާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް
އެޅުމަށް ބޭނުންވާ ކޮންޓްރެކްޓް ޗައިނާއިން މިއަދު ވަނީ ހޮވާފައެވެ. މިކަމަށް
ކޮންޓްރެކްޓަރަކު ކަނޑައެޅުމުގެ މަރުޙަލާގެ ކަންކަން ބައްލަވަން ފޮނުއްވާފައިވާ
ދިވެހި ސަރުކާރުގެ ވަފުދުގެ ފަރާތުން ހައުސިންނ މިނިސްޓަރގެ ނާއިބު އަލްފާޟިލް
ޢަބްދުﷲ މުއްޠަލިބު މިއަދު ޕީއެސްއެމް ނިވްސްއާ ވާހަކަދައްކަވަމުން، ކޮންޓްރެކްޓަރ
ހޮނުވުގޮތް ވަރަށް ރަނގަޅުކަމަށް ވިދާޅުވިއެވެ.

މަޝްރޫޢު ޙަވާލުކުރެވުނީ ކޮން ކޮންޓްރެކްޓަރަކާކަމެއް
ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވޭ. ސަބަބަކީ ޗައިނާގައި މިފަދަ ކަންކަމަށް
ކޮންޓްރެކްޓަރަކު ހޮވުމަށްފަހު އެ ޤައުމުގެ ޤާނޫނީ މަރުޙަލާތަކެއް
ފުރިހަމަކުރުމުގެ ކުރިން އެކަން ރަސްމީކޮށް އިޢުލާންނުކޮށް ލަސްކުރަންޖެހޭ
އުޞޫލެއް އޮންނާތީއެވެ. އެހެންނަމަވެސް ދިވެހި ސަރުކާރަށް ކޮންޓްރެކްޓަރ އާއި އަގާއި
އެ ނޫންވެސް ތަފްޞީލްތައް ހިއްސާކުރައްވާފައިވާކަމަށް ހައުސިން މިނިސްޓްރީން
ހާމަކުރައްވައެވެ. ބްރިޖްގެ މަސްރޫޢުގެ ބީލަމުގެ މަރުހަލާތައް
ކުރިއަށްގެންގޮސްފައިވަނީ ޗައިނާގެ މިނިސްޓްރީއޮފް ކޮމާސްއިންނެވެ. މިކަމާ ގުޅޭގޮތން
ޗައިނާގައި ޙަރަކާތްތްތެރިވާ ވަފުދުގައި އިސްކޮށް ހުންނެވި ހައުސިންގ މިނިސްޓަރގެ
ނާއިބު ޕީ.އެސް.އެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް
ހަވާލުކުރެވުނީ ކޮން ކޮންޓްރެކްޓަރަކާކަން ހަފްތާއެއްހާދުވަސް ފަހުން
އާންމުކުރައްވާނެކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ބްރިޖްގެ މަސައްކަތް
ހަވާލުކުރެވުނީ ޗައިނާއާއި ދުނިޔޭގެ އެކި ޤައުމުތަކުގައި މިފަދަ ބޮޑެތި
މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏަކާކަމަށެވެ. 

ސަރުކާރުން ކުރިން އަންދާޒާކުރައްވާފައިވަނީ ބްރިޖްގެ
މަސައްކަތަށް 260 މިލިއަނާ 300 މިލިއަނާ ދެމެދުގެ އަދަދަކަށް ފައިސާ ޚަރަދު
ވާނެކަމަށެވެ. އެހެންނަމަވެސް ބްރިޖް ހެދުމަށް ކޮންޓްރެކްޓަރާ ހަވާލުކުރެވުނީ 198.4
މިލިއަން ޑޮލަރަށް. އެއީ ގައިގަނޑަކަށް 3 ބިލިއަން ދިވެހި ރުފިޔާއެވެ. އަދި އެއީ
ކުރިން އަންދާޒާކުރި އަދަދައްވުރެ ގައިގަނޑަކަށް ތިންބައިކުޅައެއްބައި މަދު
އަދަދެކެވެ. 

ބްރިޖް އެޅުމަށް ބޭނުންވާ ފައިސާގެ ތެރެއިން 100 މިލިއަން
ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ހަމަޖައްސާ ދެއްވާފައިވާ ފައިސާއެވެ.
އެއީ މި ބިޔަ މަސްރޫޢަށް ޚަރަދުވާ ފައިސާގެ ދެބައިކުޅައެއްބައެވެ. 

ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށާއި، ބްރިޖްގެ
ބިންގާ ޑިސެމްބަރު މަހުގެ ތެރޭގައި އެޅުމަށް ޗައިނާ ސަރުކާރާ ދިވެހި ސަރުކާރާ
ދެމެދު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. 

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރ އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރޭ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް
ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި
ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭން އެއް ބްރިޖްގައި ހިމެނެއެވެ. އަދި ބްރިޖް
ފަރުމާ ކުރެވިފައިވަނީ އޭގެ ދަށުން ކާގޯ ބޯޓުފަހަރު ނޫން އުޅަނދުތަކަށް
ދަތުރުކުރެވޭގޮތަށް ސަރަހައްދުގެ ކަނޑުދަތުރުތަކަށްވެސް ބުރޫ ނާރާގޮތަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި
ހިމެނޭ ހުޅުލެ-މާލެ ބްރިޖް އެޅުމުގެ މަޝްރޫޢަކީ މުޅި މާލެ ސަރަހައްދުގެ ތަރައްޤީއާ
ގުޅިފައިވާ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ކުރިއަށްގެންދެވޭ
އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުއެވެ.

ރައީސް ޔާމީންގެ ވަޢުދަކީ 2018 ވަނައަހަރުގެ ކުރިން ހުޅުލެއާއި
މާލެއާ ދެމެދު އަޅުއްވާ ބްރިޖް ނިންމަވައި ބޭނުންކުރަން ފެއްޓެވުމެވެ.