ޚަބަރު

ހިޔާ ފްލެޓްތަކުގެ ގުރުއަތު ނަގާ ގަޑިތަކަށް ބަދަލެއް


ހިޔާ މަޝްރޫޢުގެ އެކި ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތުލުން ނަގާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވީ، މިއަދުން ފެށިގެން ހިޔާ ފްލެޓްގެ ގުރުއަތުލުން ނަގާ ގަޑިތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. މިއަދުން ފެށިގެން ފުރަތަމަ ދަންފަޅީގައި ގުރުއަތުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. ދެވަނަ ދަންފަޅީގައި ގުރުއަތު ނަގާނީ މެންދުރުފަހު 12:30 އިން ހަވީރު 15:15 އަށް ކަމަށް އެކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މީގެކުރިން ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ފުރަތަމަ ދަންފަޅި ހެނދުނު 9:00 އިން 12:00 އަށެވެ. އަދި ދެވަނަ ދަންފަޅި މެންދުރު 13:00 އިން ހަވީރު 15:00 އާއި ހަމައަށެވެ.

ހިޔާ މަޝްރޫޢުގެ ގުރުއަތުނެގުން ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ފުރަތަމަ ދުވަހު ގުރުއަތު ނަގާފައިވަނީ " ޚާއްސަ އެހީއަށް ބޭނުންވާ މީހުން"ގެ ކެޓަގަރީންނެވެ. މިކެޓަގަރީގެ 188 މީހުންގެ ގުރުއަތުލުންވަނީ ކުރިއަށް ގެންގޮސްފައެވެ. ނުނިމި ހުރި ކެޓަގަރީތަކުގެ ގުރުއަތުނެގުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ގުރުއަތުލުން ނުނިމި ހުރި ކެޓަގަރީތައް:


- ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ – H4
- ޓީޗަރުންގެ ޚާއްސަ ކެޓަގަރީ – H5
- އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ ކެޓަގަރީ – H6
- 18އަހަރާއި 40އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީ - H7
- މާލެ ރަށްވެރިންނަށް ޚާއްސަ ކެޓަގަރީ – H8
- ދަފްތަރު ކެޓަގަރީ – H9
- ސިވިލް ސަރވިސް މުޢައްޒަފުންނަށް ޚާއްސަ ކެޓަގަރީ – (ފަންނީ، އިދާރީ، ސަޕޯޓް ސްޓާފް) ކެޓަގަރީ

މި ކެޓަގަރީތަކުގެ އިތުރަށް ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ލިބި، ފައިސާ ނުދެއްކިގެން ފްލެޓް ލިބިފައި ނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފްލެޓް ޚިޔާރުކޮށްފައިވާ މީހުންނާއި ގުޅީފަޅުން ފްލެޓް ގަނެފައިވާ މީހުންގެ ތެރެއިން ހިޔާ ފްލެޓް ޚިޔާރުކުރި ފަރާތްތައްވެސް ހިމެނެއެވެ.

ގުރުއަތު ނަގަމުންދާ ވަމަންޒަރު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ކޯވިޑްގެ ޙާލަތާ ގުޅިގެން ގިނަ ބަޔަކު އެއްތަނަކަށް ޖަމާވުން ކުޑަކުރުމަށާއި އަދަދު ގިނަވުމުގެ ސަބަބުން އެކަމުގައި ދިމާވާނެ ދަތިތައް ކުޑަކުރުމަށް ކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

ގުރުއަތުނަގާނީ، ހައުސިންގ މިނިސްޓްރީން އެޗްޑީސީއަށް ފޮނުވާފައިވާ ލިސްޓުގައިވާ މީހުންގެ އައިޑީކާޑު ނަންބަރު ތަރުތީބުންނެވެ. ކޮންމެ ދުވަހެއްގެ ގުރުއަތުލުން ކުރިއަށްދާ ލިސްޓު، އެގޭ އެއް ދުވަސް ކުރިން އިޢުލާންކުރަމުންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ދުވާލަކު ކުރިއަށްގެންދަނީ 600 މީހުންގެ ގުރުއަތުލުމެވެ.

ގުރުއަތު ނަގާއިރު އެމީހަކަށް ލިބޭ ފްލެޓް ނަންބަރާއި، އިމާރާތާއި ފަންގިފިލާގެ މަޢުލޫމާތުތައް ހިމަނާފައިވެއެވެ. އަދި ގުރުއަތު ނެގުމުން މި މަޢުލޫމާތުތައް ހިމެނޭ އެސްއެމްއެސް އެއް، ފްލެޓްގެ ވެރިފަރާތުގެ ފޯނަށް ލިބޭނެއެވެ.

އެޗްޑީސީން ވިދާޅުވީ، ގުރުއަތު ނެގުމުގެ ކަންކަން 10 ދުވަހަށް ކުރިއަށްދާނެކަމަށެވެ. ގުރުއަތު ނިމުމާއެކު އެގްރިމެންޓް ހެދުމާއި ފްލެޓަށް ފައިސާ ދެއްކުމާގުޅޭ މަސައްކަތްތައް ފަށާނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.