ޚަބަރު

ގޭސް ފުޅިއެއް ވަގަށް ނެގި 2 މީހަކު ހޯދަނީ


ގޭސް ފުޅިއެއް ވަގަށް ނެގި 2 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ހޭންވެރު ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް 2 މީހަކު ހޯދަމުންދާކަމަށެވެ. ފުލުހުން ވަނީ އެ 2 މީހުން ގޭސް ފުޅި ވަގަށް ހިފައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.

ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯގައި 2 މީހަކު މަގުމަތިން ހިނގާފައި އައިސް ގެއެއްގެ ދޮރުކައިރީ މަޑުކުރާ ތަން ފެނެއެވެ. އަދި އިރުކޮޅެއްވަންދެން ތިބުމަށްފަހު އެތަނުން އެކަކު އެ ގޭގެ އެތެރޭގައި ބަހައްޓާފައި ހުރި ގޭސް ފުޅި ނަގައިގެންދާ މަންޒަރު ފެނެއެވެ.

މި ވީޑިއޯއިން ފެންނަ ދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.