ވިޔަފާރި

ފްލައި މީ އިން 1 މިލިއަން ފަސެންޖަރުން ދަތުރު ކުރުން


ފްލައިމީ އިން އެ އެއާލައިންގެ 1 މިލިއަން ވަނަ ފަސެންޖަރަށް މަރުހަބާ ކިޔައިފިއެވެ.ފްލައިމީގެ 1 މިލިއަން ވަނަ ފަސެންޖަރުގެ ގޮތުގައި ދަތުރުކުރީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މާމިނގިލީ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ބަލްގޭރިޔާގެ ފަތުރުވެރިއެކެވެ.ފްލައިމީގެ ފަރާތުން އެއް މިލިއަން ވަނަ ފަސެންޖަރަށް ވަނީ ހާއްސަ ހަދިޔާތަކެއް ހަވާލުކޮށްފައެވެ. އެގޮތުން ފްލައިމީގެ ޑޮމެސްޓިކް މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތަކާއި ފްލައިމީގެ ސީޕްލޭންގައި ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތަށް ބަލާލުމުގެ ފުރުސަތަކާއި ވިލާ ގްރޫޕްގެ ރިސޯޓެއްގައި ޗުއްޓީހޭދަކޮށްލުމުގެ ފުރުސަތު ވަނީދީފައެވެ. ފްލައިމީގެ މެނޭޖިންގ ޑިރެކްޓަރ ރިލްވާން ޝަރީފް ވިދާޅުވީ ފްލައިމީގެ ކުރު ހަޔާތުގައި މިއީ ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުންފުންޏަށް ދިމާވި ބައެއް މާލީ ދަތިތަކުން އަރައިގަނެވި ފްލައިމީ އިން ދަތުރުކުރާ މަންޒިލްތަށް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ވެސް ރިލްވާން ވިދާޅުވިއެވެ.ރާއްޖޭގެ އަމިއްލަ ފުރަތަމަ އެއަރލައިން ފްލައިމީއިން މީގެ ކުރިން ގިނަ މަންޒިލް ތަކަކަށް ދަތުރު ކުރި ނަމަވެސް އެ އެއާލައިނުން މިހާރު އުދުހުންތަށް ބާއްވަނީ ވިލާ އިންޓަރނޭޝަނަލް އެއާޕޯޓަށާއި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް އެކަންޏެވެ. ވިލާއެއާއިން ހިދުމަތް ފަށާފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ.