ޚަބަރު

ހޮނިހިރު ދުވަހު ވޯޓްލާނީ ހެނދުނު 09:00 ހަވީރު 16:00އަށް


ކައުންސިލް އިންތިޙާބުގެ އަލުން ވޯޓުލުން ބާއްވާ ދާއިރާތަކުގެ ވޯޓްލުން ކުރިޔަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މި މަހުގެ 10ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ 12 ދާއިރާއެއްގައި އަލުން ވޯޓްލުން ކުރިޔަށް ގެންދިޔުމަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދާއިރާތަކުގައި އަލުން ވޯޓްލުން ބާއްވަނީ ކެނޑިޑޭޓުންނަށް ލިބުނު ވޯޓް އެއްވަރު ވެގެންނާއި ވޯޓުގައި ބައެއް މައްސަލަތައް ދިމާވެގެންނެވެ.

ވޯޓްގައި މައްސަލަ ދިމާވެގެން އަލުން ވޯޓްލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ 2 ރަށެއްގައެވެ. އެއީ ތ. ގާދިއްފުއްޓާއި، ލ. މާވަށެވެ. ވޯޓުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޙާބު އޮންނާނީ 4 ދާއިރާއެއްގައެވެ. މީގެއިތުރުން އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ނަތީޖާ އެއްވަރުވުމުން 6 ދައިރާގައި އަލުން އިންތިޚާބު ބޭއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އަލުން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތައް

- ހއ.ތަކަންދޫ އަންހެނުންގެ ޚާއްސަ ގޮނޑި
- ބ.ކިހާދޫ ކައުންސިލް މެމްބަރު
- މ.ރަތްމަންދޫ ކައުންސިލް ރައީސް
- ފ.ދަރަނބޫދޫ އަންހެނުންގެ ޚާއްސަ ގޮނޑި
- ލ.މާވާށު ކައުންސިލް ރައީސް
- ލ.މާވަށު ކައުންސިލް މެމްބަރު
- ތ.ގާދިއްފުށި އަންހެނުންގެ ޚާއްސަ ގޮނޑި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު

- ހއ. އުލިގަމު
- ނ. މަގޫދޫ
- ރ. މާކުރަތު
- ބ. ކެންދޫ
- ވ. ފުލިދޫ
- ލ. ކަލައިދޫ

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން އިލްކެޝަންސް ކޮމިޝަންގެ މާސްޓަރ ޓެރެއިނަރ މުޙައްމަދު ޝަފީއު ވިދާޅުވީ އަންނަ ހޮނިހުރު ދުވަހު ބާއްވާ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް މިހާރުވެ ނިންމާފައިވާކަމަށެވެ. ޝަފީއު ވިދާޅުވީ ކިތަންމެ މަދު ކެނޑިޑޭޓުންތަކެއްގެ މެދުގައި ވޯޓުލުން ކުރިއަށްގެންދިޔަ ނަމަވެސް، ކަނޑައެޅިފައިވާ ވަގުތުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލައި ނިންމުމަކީ މުހިއްމު ކަމެއްކަމަށެވެ.

"އެންމެ ދެ ކެނޑިޑޭޓުންކަމުގައިވިއަސް އެ ކެނޑިޑޭޓުންގެ ޙައްޤުތަކަށްވެސް އުނިކަން ނާންނަ ގޮތަށް ހުރިހާ ބޭފުޅުންވެސް ވަޑައިގެން ވޯޓުދެއްވުމަށް އެދެން. ރަމަޟާން މަސްކަންވެސް އެނގޭ، ނަމަވެސް އޮތް ވަގުތު ތެރޭގައި، އެއީ ހެނދުނު 9އިން ހަވީރު 4އާ ދޭތެރޭގައި. އެހެންވީމަ އެވަގުތުގެ ތެރޭގައި ވަޑައިގަތުމަށް އިލްތިމާސްކުރަން" މުޙައްމަދު ޝަފީއު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު އިންތިޚާބުގެ އިތުރު ބުރެއް ޖޫންމަހުގެ 5 ވަނަ ދުވަހުވެސް ބާއްވަން އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ. އެދުވަހު ވޯޓްލުން އޮންނާނީ 10 އޭޕްރިލްގައި ބޭއްވި އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓެއް ވާދަނުކުރާ ރަށްތަކުގައިކަމަށް އީސީން ވިދާޅުވެއެވެ.