ޚަބަރު

ފެނަކައަށް އަނެއްކާވެސް ބައިނަލްއަޤްވާމީ 2 އެވޯޑެއް


ފެނަކަ ކޯޕަރޭޝަނަށް އަނެއްކާވެސް ބައިނަލްއަޤްވާމީ ދެ އެވޯޑެއް ލިބިއްޖެއެވެ.

އިންޓަނޭޝަނަލް ފައިނޭންސް އެވޯޑްސްގައި މިފަހަރު އެކުންފުންޏަށް ވަނީ ލ. ގަން އިންޓަކަނެކްޝަން ޕްރޮޖެކްޓަށް ބެސްޓް ގްރީން ޕްރޮޖެކްޓުގެ އެވޯޑް ލިބިފައެވެ. އަދި އެނާޖީ/ޔުޓިލިޓީ ދާއިރާއިން ބެސްޓް ގްރީން އިނިޝިއޭޓިވްގެ އެވޯޑުވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.

އިންޓަނޭޝަނަލް ފައިނޭންސް އެވޯޑަކީ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުންކުރާ މަސައްކަތް ބަލުމަށްފަހު ދޭ ބައިނަލްއަގުވާމީ ފެންވަރުގެ އެވޯޑެކެވެ. އެވޯޑު ދޭއިރު ކުންފުނިތަކުން ކޮށްފައިވާ މަަސައްކަތްތަކާއި ކާމިޔާބީއަށްވެސް ރިޔާއަތްކުރެއެވެ.

2020 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ އޭޝިއާ ސަރަހައްދުގެ ޔުޓިލިޓީ ކުންފުނިތަކަށް ދޭ އެވޯޑް ކަމަށްވާ "އޭޝިޔަން ޕަވަރ އެވޯޑް"ގެ 4 އެވޯޑެއް ލިބިފައެވެ. މީގެތެރޭގައި ސީއީއޯ އޮފް ދަ ޔިއަރ އެވޯޑާއި ޕަވަރ ޕްލާންޓް އަޕްގްރޭޑް އޮފް ދަ ޔިއަރއާއި، ޕަވަރ ޔުޓިލިޓީ އޮފް ދަ ޔިއަރއާއި، ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދަ ޔިއަރ އެވޯޑެވެ.

ފެނަކައަށް ބައިނަލް އަޤްވާމީ އެވޯޑްތަކެއް ލިބެމުން އަންނައިރު އެކުންފުނިން އަންނަނީ ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަސީލަތްތައް ރަނގަޅު ކުރުމަށް މީގެކުރިން ކުރެވިފައިނުވާވަރުގެ ބޮޑު ޚަރަދެއް ކުރެވިފައިވާކަން އެކުންފުނިން ފާހަގަކުރައްވައެވެ.

އެގޮތުން ކުންފުނިން ފާއިތުވި ދެ އަހަރު ތެރޭ 49 އިންޖީނުގޭގެ މަސައްކަތް އަލަށް ފަށައި، 20 އިންޖީނުގޭގެ މަސައްކަތް މުޅިން ނިންމައި، 77 މެގަވޮޓް ވަނީ އިންސްޓޯލް ކޮށްފައެވެ. މީގެ އިތުރުން އެކުންފުނީގެ ދަށުން މުޅި ރާއްޖޭގައި ހިންގަމުން އަންނަ ހުރިހާ އިންޖީނުގެއެއް ގުޅާލައި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކޮށްފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ.

ފެނަކަ ކޯޕަރޭޝަން އުފައްދާފައިވަނީ 18 ޖޫން 2012 ވަނަ އަހަރު އޭރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އައި ޔުޓިލިޓީ ކުންފުނިތައް އުވާލުމަށްފަހުއެވެ.