އިޓާލިއަން ސެރީއާގައި ލާޒިއޯ އާއި އޭސީ މިލާން ބައްދަލުކުރިމެޗް ލާޒިއޯ ކާމިޔާބުކޮށްފިއެވެ. ލާޒިއޯގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
މިމެޗްގެ ފުރަތަމަ ހަމަލާ ފުރަތަމަ މިނެޓްގެ ތެރޭގައި މިލާނުން އުފެއްދި ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓްގައި ކާމިޔާބުކޮށް ލީޑު ނެގީ ލާޒިއޯއިން. މިލަނޑު އެޓީމަށް ޖަހައިދިނީ ހޯކިމް ކޮރެއާއެވެ. މިލަނޑާއެކު ވަރަށް ގާތްގާތުގައި ލާޒިއޯއިން އިތުރު ހަމަލާތަކެއް މިލާންގެ ގޯލަށް ފޮނުވާލި ނަމަވެސް މިލާނުންވެސްވަނީ މާގިނައިރު ތަކެއް ނުވެ އަލުން ހަމައަކަށް އެޅި ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިލާނުން އުފެއްދި އެއްވެސް ހާމަލާއެއް ކާމިޔާބު ވާގޮތެއް ނުވިއެވެ. މިމެޗްގައި ލާޒިއޯގެ ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓް ޖަހައިދިނީވެސް ކޮރެއާއެވެ. މިލަނޑު ޖެހުމުގެ ކުރިން ލާޒިއޯގެ ލޫކަސް ލެއިވާ މިލާންގެ ހަކާން ޗަރަނަގްލޫއަށް ފައުލް ކުރި ކަމަށް މިލާނުން ބުނި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު މެޗްގެ ރެފްރީ ނިންމީ އެއީ ފައުލެއް ނޫން ކަމަށެވެ. މިމެޗްގައި ލާޒިއޯގެ ތިންވަނަ ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ސީރޯ އިމޮބިލިއޭއެވެ.
މިކާމިޔާބީއާއެކު ލާޒިއޯ މިހާރުވަނީ ކުޅުނު 32 މެޗުން 61 ޕޮއިންޓް ހޯދާ ޕޮއިންޓް ތަވަލްގެ ފަސް ވަނައިގައެވެ. އަދި މިމެޗުން ބަލިވުމުން މިލާން މިހާރުވަނީ ކުޅުނު 33 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ފަހަތަށް ޖެހިލާފައެވެ. މިމެޗް މިލާނަށް ކާމިޔާބު ކުރެވުނު ނަމަ ޕޮއިންޓް ތާވަލްގެ ދެވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އޮތެވެ.