ވިޔަފާރި

ބޭރުތޮށި ހަޑިކޮށް ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަކީ މަނާކަމެއް: ހެލްތު މިނިސްޓްރީ


ބޭރުތޮށި ހަޑިކޮށް ހުންނަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކާ ކުކުޅު ބިހާ ގުޅޭގޮތުން ހެލްތް މިނިސްޓްރީން ވިދާޅުވީ މުއްދަތު އިތުރުކުރުމަށް ޚާއްސަ ޓްރީޓްމަންޓްއެއް ނުދީ، ފިނި ނުކޮށް ކުކުޅުބިސް ބަހައްޓަން ވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 28 ދުވަހުގެ މުއްދަތަތަކަށް ކަމަށެވެ.

އަދި ޓްރީޓްމަންޓްއެއް ނުދީ ފިނިކޮށް 5°C އަށްވުރެ ދަށުގައި ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 3 މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި، މިގޮތަށް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް އިމްޕޯޓްކޮށް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ބިހުގެ މުއްދަތު ހަމަވާ ތާރީޚް 3 މަސް ދުވަހަށްވުރެ އިތުރުވާނަމަ މުއްދަތު އިތުރު ކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން ނުވަތަ އުފެއްދި ޤައުމުގެ ކޮންޕިޑެންޓް އޮތޯރިޓީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ރާއްޖެއަށް އިންޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން ކަމަށެވެ. އަދި ފިހާރަތަކުގައި ބިސް ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީޚް ގަންނަ ފަރާތަށް އެނގޭނެގޮތަކަށް ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ރޯދަމަހަކީ ބިހަށް އޮންނަ ޑިމާންޑު އިތުރުވެ، ރާއްޖެއަށް ގިނަ އަދަދަކަށް ބިސް އެތެރެކުރާ މަހެކެވެ. ބިސް ކޭސްތައް ގަންނަ އިރު އޭގައި ގިނަ އަދަދަކަށް ކުނި ބިސްތައް ހުރުމަކީ އާއްމުންގެ ފަރާތުން އާއްމުކޮށް އިވޭ ޝަކުވާއެކެވެ.