ޚަބަރު

ފަހު ދިހައެއްގައި މާލޭގެ 23 މިސްކިތެއްގައި ދަމު ނަމާދުގެ ޖަމާއަތް އޮންނާނެ


ރަމަޟާން މަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ދަމު ނަމާދު 23 މިސްކިތެއްގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މާލޭ ސަރަހައްދުގައި ދަމު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެކެވެ. ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ފަހު ދިހައެއްގައި ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދަމު ނަމާދަށް އަރައެވެ.

މާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް

- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން
- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ފުރްޤާން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދުއްނޫރު
- އިބްރާހީމީ މިސްކިތް
- މަސްޖިދުއްޝަހީދު ޢަލީ
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއްސުލްޠާން މުޙައްމަދު ޖަމީލު ދީދީ

ވިލިމާލޭގައި ދަމު ނަމާދުކުރާ މިސްކިތައް

- މަސްޖިދުއްސަލާމް
- މަސްޖިދުލްއިޚްލާޞް
- މަސްޖިދުލް ބިއްރީ

ހުޅުމާލެގައި ދަމު ނަމާދުކުރާ މިސްކިތްތައް

- މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދު ޢުމަރު ބިން ޚައްޠާބު
- މަސްޖިދުލް ވާލިދައިނި
- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބާރހޫޑު 3)

އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދުކުރައް ވާނީ ޝެއިޚު ނަޞްރުﷲ އަލީއާއި އަލް ހާފިޒް މުޙައްމަދު ތާރިޤް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓަރީން ވަނީ ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މިގޮތުން މާލޭގެ 5 މިސްކިތަކާއި ވިލިމާލޭގެ މިސްކިތެއްގެ އިތުރަށް ހުޅުމާލޭގެ 2 މިސްކިތެއްގައި އިޢުތިކާފަށް ތިބެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެނަނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑު، ހަމަ އެހެންމެ އެ ރެއެއްގައި ކުރެވޭ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ.

ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނެޓުން ފެށިގެންނެވެ.