ޚަބަރު

2016 ބަޖެޓް: ޞިއްޙީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ


ދެހާސް ސޯޅަ ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކަނޑައަޅުއްވައިފައިވަނީ 3.7 ބިލިއަން ރުފިޔާއެވެ. މިއީ މުޅި ބަޖެޓްގެ ސާދަ އިންސައްތައެވެ.ޞިއްޙީ ދާއިރާގެ ބަޖެޓުން އެންމެ ބޮޑު އަދަދެއް ލަފާކުރައްވައިފައިވަނީ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށެވެ. އެގޮތުން މެގަ މަޝްރޫޢުގެ ގޮތުގައި ދެ މަޝްރޫޢަކާއެކު ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. އެއީ،ޞިއްޙީ ދާއިރާގެ ބެޖެޓްގެ 67 އިންސައްތައެވެ. އަދި މުޅި ބަޖެޓްގެ ނުވައެއް އިންސައްތައެވެ. ޞިއްޙީ ދާއިރާއިން އަންނަ އަހަރު ފައްޓަވާ މެގަ ދެ މަޝްރޫޢަކީ ރާއްޖޭގައި ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމްކުރެއްވުމުގެ މަޝްރޫޢާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ނޭޝަނަލް ކާޑިއަކް ސެންޓަރެއް ޤާއިމްކުރައްވައި ޚިދުމަތްދިނުމުގެ މަޝްރޫއެވެ. މި ދެ މަޝްރޫޢަށް ޚަރަދުވާނެ ފައިސާގެ ތަފްޞީލްތައް ބަޖެޓްގައި ހިމަނާފައި ނުވި ނަމަވެސް ބެޖެޓްގެ ތެރެއިން އެ މަސައްކަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީ ކުރުމަށް 310 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކުރައްވާފައެވެ. މީގެ ތެރޭގައި އަތޮޅުތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަން އަލަށް ޢިމާރާތްކުރުމާއި، އެކްސްޓެންޝަންގެ މަސައްކަތްތަކާއި، މަރާމާތުގެ މަސައްކަތްތައް ހިމެނެއެވެ. އެގޮތުން އަތޮޅުތަކުގެ ސަތޭކައަށް ވުރެ ގިނަ ރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްޤީ ކުރުމަށް ހަމެޖެހިފައިވެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ތަރައްޤީގެ ޕްރޮޖެކްޓްތަކަށް އަންނަ އަހަރަށް ލަފާކުރައްވާފައިވަނީ 42 މިލިއަން ރުފިޔާއެވެ. ހެލްތް މިނިސްޓްރީގެ ދަށުން ކުރިއަށްގެންދަވާ ޞިއްޙީ ދާއިރާގެ ޚިދުމަތުގެ މަރުކަޒުތަކުގެ ތެރެއިން މިއަހަރުވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅުއްވާފައިވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއަށެވެ. އެތަނަށް 1.5 ބިލިޔަން ރުފިޔާ ލަފާކޮށްފައިވެއެވެ. އެންސްޕާއަށްފަހު، ދެން އެންމެ ބޮޑު އަދަދެއް ކަނޑައަޅުއްވާފައިވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް 756 މިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ.