ޚަބަރު

ކޯވިޑް-19 : އިތުރު 328 ކޭސްއާއެކު މިއަދު ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު މިއަދު 328 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 328 މީހުންގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 167 މީހުންނެވެ. އަދި އަތޮޅުތަކުން ޕޮޒިޓިވްވި 127 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 24 މީހުން މީގެތެރޭގައި ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 28،202 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 3,701 މީހުންނެވެ. މިވަގުތު 126 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.

މިރޭ އަލަށް ބަލިން ރަނގަޅުވީ 112 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 24،421 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3252 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.