ޚަބަރު

އައްޑޫ ފުލުހުންގެ ތަމްރީނު މަރުކަޒުގެ ސަބަބުން ޖިނާޢީ އަދުލުގެ ނިޒާމަށް ބަދަލުތަކެއް އަންނާނެ : ހޯމް މިނިސްޓަރ


އައްޑޫގައި ގާއިމު ކުރެވޭ ފުލުހުންގެ ތަމްރީނު މަރުކަޒުގެ ސަބަބުން ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރެއިން ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އައްޑޫގައި ގާއިމު ކުރާ ފުލުހުންގެ މަރުކަޒު، ޕޮލިސް ކޮލެޖުގެ މަސައްކަތް ގޮސްފައިވާ ގޮތް ބައްލަވާލެއްވުމަށްފަހު، މީޑިއާތަކާއި މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ފުލުހުންގެ ކޮލެޖަކީ ފުލުހުންގެ އާ ގާނޫނުގެ ދަށުން، ތަމްރީނުތައް ދިނުމަށް ވަރަށް މުހިންމު ތަނެއް ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް މިތަނުގެ ސަބަބުން ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަހަރު ދެއަހަރު ވެފަ ތިބި ރެކްރޫޓުން[ފުލުހުންގެ] އެބަތިބި ޖޮއިން ނުކުރެވި. މީގެ އިތުރުން ޤާނޫނުގައި ވަރަށް ބޮޑަށް އިސްކަމެއް ދީފައިވާ ކަމެއް ތަޙުޤީގު ކުރުމާއި، އެކަމަށް ބޭނުންވާ ހުނަރުތައް ލައި ދިނުން. އެހެން ކަމުން އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި މުޅި ރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް އަދި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑު ބަދަލެއް އައިސްގެން ދާނެ މިތަން ހުޅުވިގެން ދިއުމާއެކު" މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ މިތަނުގެ މަސައްކަތް ކުރިއަށް އޮތް މަދު މަސްތަކެއް ތެރޭގައި ނިމޭނެ ކަމަށާއި، ހުޅުވުމަށް ދޭ ތާރީޚުތައް ފަސްވެގެން ދަނީ މަސައްކަތައް ބޭނުންވާ އިންތިޒާމުތައް ކޯވިޑް ހާލަތުގައި ހަމަނުޖެހިދާތީ ކަމަށެވެ. އެގޮތުން އިންޑިއާއިން މިހާރުވެސް އިތުރު 100 މަސައްކަތު މީހުން ގެންނަން ރިކުއެސްޓް ކޮށްފައި އޮތް ނަމަވެސް އިންޑިއާގެ މިވަގުތު ހާލަތު އޮތް ގޮތުން އެކަމަށް ވެސް ދަތިތަކެއް ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މަސައްކަތް އަަވަސް ކުރުމަށް ސިޓީ ކައުންސިލް މެދުވެރިވެ މަސައްކަތް ކުރާނެ ފާރާތްތައް ހޯދުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ތަމްރީނު މަރުކަޒު ޤާއިމު ކުރެވިގެންދާއިރު، މިމަރުކަޒު ބޭނުން ކުރާނީ ހަމައެކަނި ފުލުހުން ނޫން ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މައްނާން ޔޫސުފް ވިދާޅުވިއެވެ. އެގޮތުން ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގެ އެކި ލެވެލް ތަކުގައި ހިމެނޭ ފަރާތްތަކަށް އެތަނުގެ ބޭނުން ހިފޭނެއެވެ. މިގޮތަށް އިންތިޒާމުތައް ހަމަޖެހުމުން، އެއްކަމެއް ކުރުމަށް އެކި މުޢައްސަސާ ތަކުން ޢަމަލު ކުރާ ގޮތް އެއް މިންގަނޑަކަށް ގެނެވި، ނިޒާމުގައި މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ޚާއްސަ ކުރެވިގެން ހަދާ މިތަނުގައި، 340 މީހުންނަށް އެއްފަހަރާ ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ، މީގެ އިތުރުން މިތަނުގައި ސިއްޙީ ފަރުވާދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓުބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކުލާސް ރޫމްތައް ހުންނާނެއެވެ.

އައްޑޫގައި ގާއިމު ކުރާ ފުލުހުންގެ މަރުކަޒު ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރ ކުރެއްވި ދަތުރުފުޅުގައި އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުލް މަންނާން ޔޫސުފްއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެ ވަޑައިގެންނެވިއެވެ.