ރިޕޯޓް

ކުޅުދުއްފުށި އެއަރޕޯޓް: ރޭގަނޑު ފުލައިޓް ޖައްސަން ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި


ކުޅުދުއްފުއްޓަކީ މާލޭން އުތުރުން އެންމެ ގިނަމީހުން ދިރިއުޅެމުންދާ ރަށެވެ. މަސައްކަތްތެރި ހީވާގިބައެއް ދިރިއުޅެމުންދާ ކުޅުދުއްފުއްޓަކީ ތަރައްޤީގެ ގިނަ ކުލަތަކެއް ފެންނަމުންދާރަށެވެ. ޒަމާނުންސުރެ މާލެދަތުރުކުރާ ބޯޓްފަހަރު ގިނަރަށެކެވެ. ކުޅުދުއްފުށީގެ ރައްޔިތުން ތަފާތު ބޭނުންތަކުގައި މާލެއަށް ކުރާ ދަތުރުތައް ކުރަމުންދިޔައީ ކަނޑު ބޯޓުތަކުގައެވެ. އެހެންނަމަވެސް ހަނިމާދޫ އެއަރޕޯޓު
ހުޅުވުމާއެކު މިދަތުރުތަކަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބިގެންދިޔައެވެ. ނަމަވެސް ޚަރަދު ބޮޑު ކަމާއި ތަކުލީފްވެސް ހިމެނިގެންނެވެ. ހަނިމާދޫ މަގުން މާލެ ދިއުމަށްޓަކާ ކުރާ މިދަތުރަށް ކަނޑު ކިތަންމެ ގަދަނަމަވެސް 20 މިނިޓްގެ ދަތުރެއް ލޯންޗްގައި ކުރަންޖެހުމަކީވެސް ކުޅުދުއްފުށީގެ ރައްޔިތުންނަށް ކުޑަކަމަށް ނުވެއެވެ.

ކުޅުދުއްފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މިދަތިތަކަށް އުއްމީދެއް ލިބުނީ ރައީސް ޔާމީން 2013ގެ ކެމްޕެއިން ވައުދެއްގެ ގޮތުން ކުޅުދުއްފުށީގައި އެއރަޕޯޓެއް ހައްދަވައިދެއްވާނެކަމަށް އިއުލާން ކުރެވުނު ހިސާބުންނެވެ. އަދި އެއަރޕޯރޓްގެ އަމަލީ މަސައްކަތް ފެށިހިސާބުން ރައްޔިތުންގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިޔައެވެ.

ރައްޔިތުންގެ ދިގު އިންތިޒާރަކަށްފަހު ކުޅުދުއްފުށީ އެއަރޕޯރޓް ރަންވޭގެ މަސައްކަތްނިމި ޓެސްޓް ފުލައިޓް ޖެއްސުމުން އަވަސް މުއްދަތެއްގައި ކުޅުދުއްފުށީ އެއަރޕޯޓުން ދަތުރުކޮށްލުމުގެ އިންތިޒާރުގައި އެތައްބަޔަކުތިއްބެވެ. މިއިންތިޒާރަށް ނިމުންއައީ 2019 ވަނަ އަހަރުގެ އޮގަސްޓް 9 ވަނަ ދުވަހު ކުޅުދުއްފުށީ އެއަރޕޯޓުން ޝެޑިއުލް ދަތުރުތައް ފެށުމުންނެވެ. ހަނިމާދޫ މަގުން ކުރަމުންއައި ދަތުރުތައް މަދުވެ ބަލިމީހުން މާލެގެންދަންވެސް ފަސޭހަތަކެއް ލިބިގެންދިޔައެވެ.

ކުޅުދުއްފުށީ އެއަރޕޯޓުން ޝެޑިއުލް ދަތުރުތައް ފެށުމާއެކު ޑިމާންޑް ބޮޑުވެ ޓިކެޓް ހޯދަން ކިއުގައި އެތައް ބަޔަކު މަޑުކުރަންޖެހުނެވެ. މިއެއަރޕޯޓުން ދަތުރުތައް ފެށުނުނަމަވެސް ދަތުރުކުރެވެނީ ދުވާލު އެކަނި ކަމުން ރޭގަނޑު ދަތުރު ކުރަންޖެހިއްޖެނަމަ އަދިވެސް ދާންޖެހެނީ ހަނިމާދޫމަގުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެތައްބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލަކަށް ވުމުން އިމަރޖެންސީ ކޮށް މާލެފޮނުވަންޖެހޭ ބަލިމީހުންވެސް ގިނައެވެ. ބައެއްފަހަރު ރޭގަނޑު މިދަތުރުތައް ކުރަންޖެހުމުން ހަނިމާދޫއަށް ބަލިމީހާ ގޮވައިގެން އަދިވެސް ދަތުރުކުރަން ޖެހުންވަނީ ރައްޔިތުންނަށް ވަރަށްބޮޑު ބުރަޔަކަށެވެ.

"
"ކުޅުދުއްފުށީ އެއަރޕޯޓަށް ރޭގަނޑު ފުލައިޓް ޖެއްސޭގޮތް ވެގެން ދިއުމަކީ ސިއްހީ ނިޒާމަށް އެކަމުން ބޮޑު ފަސޭހައެއް ލިބޭނެކަމެއް. އެއަރޕޯޓެއްގެ ފުރިހަމަ ބޭނުން ހިފޭނީ ރޭގަނޑުވެސް ދަތުރުކުރަންފެށުމުން"
އާންމުން

ރައްވެހިފަތިސް ޕްރޮގްރާމްގައި ކުޅުދުއްފުށީގެ ކެނޑިޑޭޓުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ އެއަރޕޯރޓްގެ ލައިޓިން ސިސްޓަމް ހަރުކުރެވި ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ.

މިއެއާރޕޯޓުން ޚިދުމަތް ހޯދާ ހުރިހާ ރައްޔިތުންވެސް ތިބީ ކުޅުދުއްފުށީ އެއަރޕޯޓުން ރޭގަނޑު ދަތުރުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.