ޚަބަރު

"ޕްލާސްޓިކާ ނުލައި" ޤައުމީ ކެމްޕޭން އިފްތިތާހްކޮށްފި


ސިންގަލްޔޫސް ޕްލާސްޓިކާ ދެކޮޅަށް "ޕްލާސްޓިކާ ނުލައި" ނަމުގައި ޢާއްމުން ހޭލުންތެރިކުރުވުމުގެ ޤައުމީ ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ.

މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ކެމްޕެއިނެކެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ވާރޗުއަލް އިވެންޓްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަންއެވެ.

މި އިވެންޓުގައި، ސިންގަލްޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ތައްޔާރުކޮށްފައިވާ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ގެ މަސައްކަތާ ގުޅޭ ފޮލިސީ ޕްރެޒެންޓޭޝަންގެ ވީޑިއޯއެއް ވަނީ ހުށައަޅާފައެވެ.

މި ޕްރެޒެންޓޭޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގެ ދަށުން ޖުމްލަގޮތެއްގައި ކުރެވެމުންދާ އަދި ކުރުމަށް ރޭވިފައިިވާ މަސައްކަތްތަކަށެވެ. މީގެ އިތުރުން " ޕްލާސްޓިކާ ނުލައި" ކެމްޕެއިންގެ ލޯގޯ އަދި "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ރަސްމީކޮށް ވަނީ ދައްކާލާފައެވެ.

މި ކެމްޕެއިނަކީ ސަރުކާރުގެ އެކި މުވައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކީ ހިންގޭނެ މަލްޓިސެކްޓޯރަލް އެވެއަރނެސް ކެމްޕެއިނެކެވެ. އެގޮތުން، މި އިވެންޓުގައި ސިންގަލްޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން ތަންފީޒުކުރުމުގައި ޝާމިލްވާ އެކި މުވައްސަސާތަކުގެ އެއްބާރުލުން ޙިއްސާކޮށްފައިވާ ވީޑިއޯ އެއް ގެނެސްދެވުނެވެ. މި މުވައްސަސާތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަށް ހިމެނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި ކެމްޕެއިންގެ ދަށުން އެކި މުވައްސަސަތަކާ ގުޅިގެން "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ދެވި އެކަންތައްތަކަކަށް އާއްމުން ހޭލުންތެރި ކުރާނެކަމަށެވެ. އެގޮތުން، ޤާނޫނީ ގޮތުން ގެނެވޭ ބަދަލުތަކާއި ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވޭނެ ތަފާތު އެކި ބައިތަކަށް އަމާޒުކޮށްގެން އާއްމުނަށް ހޭލުންތެރިކަމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން، "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ މަޢުލޫމާތު މި ކެމްޕެއިންގައި ޚިއްސާވާ ފަރާތްތައް މެދުވެރިކޮށްވެސް އާއްމުނާ ހަމައަށް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 5 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކު ރައީސުލް ޖުމްހޫރިއްޔާ ވަނީ " ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ފާސްކުރައްވާފައެވެ. އަދި، މި މަސައްކަތާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ޤަރާރެއް ފާސްކޮށްދެއްވާފައެވެ. މިޤަރާރުގެ ދަށުން 12 ބާވަތެއް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ޙާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުންގެންދާ މަސައްކަތެކެވެ.