ކުޅިވަރު

އިންޑިޔާގެ މޮޅެތި ޓީޓީ ކުޅުންތެރިން ރާއްޖެ ގެނައުމަށްވަނީ ހަމަޖެހިފަ - ޑުޝްޔަންޓް


އިންޑިޔާގެ މޮޅެތި ކުޅުންތެރިން ރާއްޖެ ގެނެސް ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތް އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމާވެސް ބައްދަލުކޮށްފައެވެ. އިންޑިޔާއިންވެސް އެގައުމުގެ ޓޭބަލް ޓެނިސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެއިންވެސް ޓޭބަލް ޓެނިސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ޑުޝްޔަންޓް ޗޯޓާލާ ވިދާޅުވީ ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވޭކަމަށާއި ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ހޯދާފައިވާ ކާމިޔާބީތަކުން އެކަން ވަރަށް ރަގަނޅަށް އެގިގެންދާކަމަށެވެ. ރާއްޖެއަށް މިކުރި ދަތުރުގައި ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރުމަށް މަޝްވަރާ ކުރެވިފައިވާކަމަށާއި ދެ ގައުމްގެ މެދުގައި އެކްސްޗޭންޖް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ ބުންޏެވެ.

"އިންޑިޔާގެ އެންމެ ފެންވަރު ރަގަނޅު ދެ އެކަޑަމީކަމަށްވާ ޖުމެއިރަން އާއި ގޯބާލްގައި ރަގަނޅު ތަމްރީންތަކެއް ރާއްޖޭގެ ކުޅުންތެރިންނަށް ކުރިއަށް ގެންގޮސްފިނަމަ، ރާއްޖޭގެ ކުޅުންތެރިން ކުރިއަރައިގެންދާނެކަން ޔަގީން. އަޅުގަނޑު މިހާރުވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އަރިހުގައި އެދިފައި، ރާއްޖެއިން އިންޑިޔާއަށް ފޮނުވާ ޓޭބަލް ޓެނިސް ޓީމް ފައިނަލް ކުރުމަށްވަނީ އެދިފަ. މިހާރު އިންޑިޔާއިން ކުރިއަށްގެންދާ އެއް ޕްރޮގްރާމެއް އެއީ އިންޑިޔާގެ ކުޅުންތެރިން އެހެން ގައުމްތަކަށްގޮސް ކުޅުން. މިގޮތުން އިންޑިޔާގެ މަތީ ފަންތީގެ އަންހެން 4 ކުޅުންތެރިންނާއި ފިރިހެން 4 ކުޅުންތެރިންގެ އިތުރުން ކޯޗުންވެސް ރާއްޖެ ފޮނުވުމަށްވަނީ ހަމަޖެހިފަ. އެއް މަސް ދުވަށް މިކުޅުންތެރިން ފޮނުވުމުން ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީވެ، ކުރިއަރާނެ." އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ ބުންޏެވެ.

އިންޑިއާގެ ޓީޓީ ފެޑެރޭޝަނުގެ ތާރީހުގައި އެ ފެޑެރޭޝަނުގެ ރައީސްކަމަށް އައި އެންމެ ޒުވާން ރައީސަކީ ޑުޝްޔަންޓެވެ. އޭނާ ވިދާޅުވީ ޓީޓީ ކުރިއަރުވަން ރާއްޖެއާއެކު އިންޑިއާއިން މި ގާއިމްކުރާ ގުޅުމުގެ ފައިދާ ހުރިހާ ދެ ގައުމަށްވެސް ކުރާނެކަމަށާއި އުއްމީދަކީ ރާއްޖެއާއި އިންޑިޔާއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި، ޓީޓީގެ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުންކަމަށް އިންޑިއާގެ ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ރައީސް ޑުޝްޔަންޓް ޗޯޓާލާ ވިދާޅުވިއެވެ.